ގަރާޖެއް ނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން މިހާރު ނުހިފޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއިން ރާވާއި ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ”މާލެ ފަހި“ ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓަރ އަމީންވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް މީގެ ކުރިން އުޅަނދުތައް ރަޖިސްޓްރީ ކޮށްދިނުމުގެ ސަބަބުން އާދަޔާ ހިލާފަށް މާލެ ސަރަހައްދަށް އުޅަނދުތައް ގިނަވެފައިވާކަމަށް އިޝާރާތްކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށްވަނީ ގޮސްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއިންވަނީ ރެޖިސްޓްރީކުރުމަށް ހުށައަޅާ އަޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްކުރުމުގެ ކުރިން ޤާނޫނުގައިވާ ގޮތުގެ މަތިން ގަރާޖުގެ ޞައްހަކަމާއި އަދި ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަ ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިކަމަށެވެ.
އެހެންކަމުން ގެނެވިފައިވާ ބަދަލާއިއެކު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރަމުން އައިސްފައިވާ އުޅަނަދުތަކުގެ އަަދަދުތައްވަނީ ބޮޑުތަނުން ދަށް ކުރެވިފައިކަމަށާއި މީގެ ކުރިން 2021 ވަނަ އަހަރުން ފެށިގެން މި އަދަދުތައް އައިސްފައިވަނީ އަހަރަކުން އަހަރަކަށް އިތުރުވަމުންކަންވެސް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، 2023 ވަނަ އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް 122 ކާރު މާލެ ސަރަހައްދަށް ރެޖިސްޓްރީކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި އަދަދު 76 އިންސައްތައިން ދަށް ކުރެވިފައިވާކަމަށާއި 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަހެއްގެ މަައްޗަށް ރެޖިސްޓްރީކޮށްދީފައިވަނީ 30 ކާރުކަމަށްވެސް ހާމަކުރެއްވިއެވެ.
މާލޭގެ މަގުތައް މަތީގައި ގިނަ އަދަދެއްގެ ނުދުއްވޭ އުޅަނދުތައް ބަހައްޓާފައިވާ މައްސަލައަށްވެސް މިނިސްޓަރ އަލިއެޅުއްވިއެވެ. އަމީން ވިދާޅުވީ، ކުރެވެމުންދާ މަަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ކޮންމެ ހާލެއްގައި އޮންނަ ދުއްވާ އުޅަނދެއް ވެސް އުސޫލެއް ނެތި ރާއްޖެ އެތެރެކުރާކަމަށެވެ. އެހެންކަމުން މިގޮތަށް އެތެރެކުރާ ގިނަ އުޅަނދުތައް ރެޖިސްޓްރީ ނުކޮށް މާލޭގެ މަގުތައް މަތީގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަކަމަށްވެސް ވިދާޅުވިއިރު ދަ އުޅަނދުތައް ހުރި އަދަދު ދެނެގަތުމަށް ކުރި ސަރވޭތަކުން މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި 1000 އަށްވުރެ ގިނަ އުޅަނދު ބަހައްޓާފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ހާމަކުރެއްވިއެވެ.
މިކަން ހައްލުކުރުމުގެ ގޮތުން މިހާރު ޓްރާންސްޕޯޓުންވާނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދެއް، ރޯޑް ވެހިކަލެއްގެ ގޮތުގައި ރާއްޖެ އެތެރެކުރުން މަނާކުރެވޭނެގޮތަށާއި އަދި ގަރާޖު ނުވަތަ ގުދަން ކުރެވޭނެ ފެސިލިޓީއެއް އޮތުމުން ނޫނިއްޔާ އިމްޕޯޓް ނުކުރެވޭނެ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ނިންމާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިޔަފާރި އުޞޫލުން ވިއްކުމަށް ވެހިކަލް އިމްޕޯޓްކުރާ ފަރާތްތަކުން ގެންނަ ވެހިކަލު ވިއްކުމާއި ހަމަޔަށް ގުދަންކޮށްފައި ބާއްވާނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ކަށަވަރު ކުރަންޖެހޭ ގޮތަށް ބަދަލުތައް ގެނައުމަށް ކަނޑައެޅިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

