އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓު އިފުތިތާޙުކޮށްފިއެވެ.
މި ކަމަށްޓަކައި ހުކުރު ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވެބްސައިޓު ލޯންޗުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓުގައި ވުޒާރާގެ އެކި ސެކްޝަންތަކުގެ މައުލޫމާތާއި އެކި ކަންކަމާ ގުޅޭ ފޯމުތައް ލިބެން ހުރެއެވެ. އަދި ހުކުރު ޚުޠުބާތަކާއި ޚުޠުބާ ފޮތްތައް ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ވެބްސައިޓުގެ އެންމެ ޚާއްސަ އެއް ކަމަކީ ވެބްސައިޓުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ވަގުފު އޮންލައިން ލައިބްރަރީ ކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި ލައިބްރަރީއިން ދީނީ ގިނަ ފޮތްތަކެއް ހިލޭ ލިބޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ވެބްސައިޓަކީ އިސްލާމީ އެކި ދާއިރާތަކުން ރާއްޖޭގައި ތަޢުލީމު ޙޞިލުކުރާ ދަރިވަރުން މަޢުލޫމާތު ހޯދުމަށް ޓަކައި ޒިޔާރާތްކޮށްލާން ރަނގަޅު އޮންލައިނު ކުތުބުޚާނާއެއް ކަމަށެވެ.

