ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވަރުނަރަކަށް މުނައްވަރު އައްޔަނު ކުރަން ރައީސަށް ލަފާދޭން މަޖިލީހުން ފާސްކޮށްފި

އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވި އަހްމަދު މުނައްވަރު - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވި އަހްމަދު މުނައްވަރު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އެ މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މުނައްވަރު ކޮމިޓީއަށް ހާޒިރުކޮށް، އިންޓަވިއު ކުރުމަށްފަހު ކޮމިޓީގެ އިއްތިފާގުން ނިންމީ އޭނާ ގަވަރުނަރަކަށް އައްޔަނުކުރުމަށް ރައީސަށް ލަފާ ދިނުމަށް ފެންނަ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓް ފާސްކޮށް، މުނައްވަރު އެ މަގާމަށް އައްޔަނު ކުރުމަށް ރައީސަށް ލަފާ ދިނުމަށް މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ރައީސް ޑރ. މުޢިއްޒު ވަކިކުރައްވާފައިވަނީ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީއެވެ. ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހުގައެވެ.

އެ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅާ ބަހުސް ކޮށްފައެވެ. ކޮމިޓީން ވެސް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ހާޝިމް އެ މަގާމުން ވަކިކުރުމަށެވެ. އެގޮތުން އެ ރިޕޯޓު ހޯމަ ދުވަހު މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓުދެއްވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން މީގެ ކުރިން ފިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވުމާއެކު އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.

ނަމަވެސް އެދުވަހު މުނައްވަރު ރާއްޖޭން ބޭރުގައި ހުންނެވުމާއެކު އިންޓަވިއު ނުކުރެވި މިއަދަށް އިންޓަވިއު ފަސްކުރުމަށް ކޮމިޓީން ނިންމިއެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުމަށް އޭނާ ހާޒިރުކޮށް ކޮމިޓީން އިންޓަވިއު ކުރުމަށްފަހު ނިންމީ އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ރައީސަށް ލަފާ ދިނުމަށް ފެންނަ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުގައި އެ އޮތޯރޮޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު އައްޔަނުކޮށް ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: