ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހުސް ކުރާނެ މެމްބަރެއް ނެތް، ރިޕޯޓުތަކަށް ވޯޓަށް އަހައި މަޖިލިސް ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރާނެ އެއްވެސް މެމްބަރެއް ނެތިގެން، ވޯޓަށް އެހުން ފިޔަވައި އިތުރު މަސައްކަތެއް ކުރުމެއް ނެތި ޖަލްސާ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ހާޒިރުކޮށް ސުވާލު ކުރުމެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މައުލޫމާތު ހޯދަން އެދިފައި ވަނީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލު ކުރެވޭނެ ދުވަހެއް ހޯދުމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ދޫކުރި ގޯތިތައް ހަވާލު ކުރެވޭނެ ތާރީހަކާއި، ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީ ކުރާ 4،000 ފްލެޓުގެ ވާނުވާ އޮޅުންފިލުވުމަށް ކުޑޫ ހުށަހެޅި ސުވާލުތަކުގައި ވެއެވެ.

މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާ ގޮތަށް ތައްޔާރުވުމަށް 14 ދުވަހުގެ ނޯޓިސްއެއް ދީ، މިއަދުގެ ޖަލްސާއަށް ހައިދަރު ހާޒިރު ކުރުމަށް އޮތް ނަމަވެސް އާއިލާއާއި ގުޅޭ ކުއްލިކަމެއް ދިމާވެގެން ހާޒިރު ނުވެވޭނެކަމަށް ހައިދަރު އެންގެވި އެވެ. އެހެންވެ، އެޖެންޑާ ނަމްބަރު އެހެން ދުވަހަކަށް ކުރިޔަށް ގެންދަވާނެކަމަށް ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.

އެއަށް ފަހު ދެން އެޖެންޑާގައި އޮތީ، ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހުށަހެޅުއްވި އިންޝުއަރެންސް ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.

އެޖެންޑާގައި ދެން ހުރި ނަމްބަރުތަކުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ 2016 – 2020 އަހަރުގެ އޮޑިޓު ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 2014 – 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިއްވުމުން ބަހުސަށް ހުޅުވާލި އެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީގެ، ދެ ރިޕޯޓަށް ވެސް ބަހުސް ކުރައްވާނެ މެމްބަރަކު ނުވި އެވެ. އެހެންވެ ޖަލްސާ ފަށައި 30 މިނެޓު ނުވަނީސް ހެނދުނު ދަންފަޅި ނިންމާލި އެވެ. އަދި ރިޔާސަތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވީ ވޯޓަށް އެހުން އޮންނާނީ 11:00 ގައި ކަމަށެވެ.

މެންދުރު ދަންފަޅިއާއި އެކު، ވޯޓަށް އެހުން އާންމުކޮށް އޮންނަނީ 13:00 ގައެވެ. އެހެން ނަމަވެސް އިތުރު މަސައްކަތެއް ނެތުމުން، ކޮމިޓީތަކަށް ރިޕޯޓުތަކަށް ވޯޓަށް އެހުން އަވަސްކޮށް ޖަލްސާ ނިންމާލީ އެވެ.

މިފަހުން އައިސް މަޖިލިސް ޖަލްސާތަކުގައި، ރިޕޯޓުތަކާއި ބިލަށް ބަހުސް ކުރާ މެމްބަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އޭގެ ސަބަބުން މަސައްކަތެއް ނެތުމުން ޖަލްސާތައް އެ ދުވަހަކަށް ނިންމާލުމަކީ އާންމުކަމެކެވެ.

މިއަދުގެ ޖަލްސާ ފެށި ވަގުތު 50 މެމްބަރަކު ހާޒިރުވި އިރު، ރިޔާސަތު އިއުލާނު ކުރި ގޮތުން ސަލާމުގައި ތިއްބެވީ ދެ މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: