މި ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސަމުންދާ މަންޒަރު ފެނުމަކީ ހިތާމައެއްކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ބޭންކުތަކާއި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިތަކަށް އަދި މާލީ ކުންފުނިތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަނު ކުރެވޭ ގޮތަށް ބޭންކުތަކާއި އިންޝުއަރެންސް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވައިދަށް އިސްލާހު ގެނެސް ވަނީ ގެޒެޓުކޮށްފަ އެވެ.
މީގެކުރިން ގަވައިދުގައި ބަޔާން ކުރަނީ ކެބިނެޓު ވަޒީރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ބޯޑު މެމްބަރުކަން ނުކުރެވޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅަކަށް ވެސް ނުހުރެވޭނެކަމަށް ގަވައިދު ބުނެ އެވެ.
އެހެން ނަމަވެސް އަލަށް ގެނައި އިސްލާހުގައި ބުނަނީ، ކެބިނެޓު ވަޒީރުންނާއި މިނިވަން މުވައްސަސާތައް އަދި ސިޔާސީ ޕާޓީތަކުގެ ވެރިން ފިޔަވައި އެހެން ސިޔާސީ މަގާމެއްގައި ހުންނަ ފަރާތަކަށް ބޯޑުގެ މެމްބަރުކަން ކުރެވޭނެ ކަމަށެވެ.
މި އިސްލާހަށް ފާޑުކިއުން އަމާޒުކޮށް ފައްޔާޒް ވިދަޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ބަދަލެއް ގެނެސްފައި ނުވަނީ މާލީ ނިޒާމުގެ އިތުބާރާއި އިންޓެގްރިޓީ ހިފެހެއްޓުމަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން މި ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސަމުންދާ މަންޒަރުކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ދައުލަތުގެ ތަފާސްހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރުމަށް އިންކާރުކޮށް ސިއްރުވެރި ދައުލަރތެއް ގާއިމު ކުރުމަށް މި ސަރުކާރުން މިސްރާބު ޖަހާފައިވާކަމަށެވެ. މިއީ އެތެރެއާއި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ އިސްލާހެއްކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ ދުޅަހެޔޮ އިގްތިސާދެއް ބިނާ ކުރުމަށް ކަންކަން ހާމަކުރުމުގެ ސިޔާސަތެއް އޮންނަން ޖެހޭކަމަށެވެ. އަދި އެ ފާޑުކިއުންތައް ބަލައިގަނެ އަޑުއެހުމުގެ ގާބިލުކަން ގެންގުޅުމަށް ފައްޔާޒް ގޮވާލެއްވި އެވެ.

