ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅާ މަހުގެ ބާގާ: ކާކުގެ އިހުމާލަކުން ވީކަމެއް؟

ބުޅާ މަރައިގެން އޭގެ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރާ ބިދޭސީ މީހާ.-- ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެއަކަސް ދިވެހިންނަށް ބުޅާ މަސް ކެވިއްޖެއެވެ. އެހެންކަމުން ހޫނު ބަހުސްއެއް ކުރެވެމުންދާ މި މައްސަލައިގައި އިހުމާލުވަނީ ކޮން ބައެއްތޯ ބަލާލަން ޔަގީނުންވެސް ބޭނުންވާނެއެވެ. ކެއްކި މީހާ ޔަގީނުންވެސް ވަނީ ބޮޑު އިހުމާލެއް ވެފައެވެ. އެއީ ޝައްކެއް ނެތް ކަމެކެވެ.

އެހެންނަމަވެސް މިލެވެލްއަށް ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމުގެ ތެރޭގައި ގަޑުބަޑުކުރުމަށް ޖާގަ ލިބިގެންދިޔަ ގޮތް ދެނެގަތުމަށް މަސައްކަތްކޮށްލުމުން އެންމެ ފުރަތަމަވެސް ފާހަގަކުރެވެނީ 2020 ވަނަ އަހަރުގެ ތެރޭގައި ގޭގައި ކެއިންބުއިން އުފައްދައި ވިއްކުމަށް ރަޖިސްޓްރީވާން ނުޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ނިންމާފައިވުމެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ ”ރެސްޓޯރަންޓްސް އެސޯސިއޭޝަން“ އިންވަނީ މުހިންމު މައްސަަލައެއްގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެސޯސިއޭޝަންއިން މައްސަލަ ޖެއްސީ ވިޔަފާރިތަކުން އެތައް އިންތިޒާމެއް ކޮށްގެން ވަކި މިންގަނޑަކަށް ފެތިގެން ކުރަމުންދާ މަސައްކަތްތަކެއް ގޭގައި އެއްވެސް އިންތިޒާމެއް ނެތި ކުރަމުންދިއުމުންނެވެ.

އޭރު ގިނަ ބަޔަކަށް ހީވީ ވިޔަފާރިވެރިން އުޅެނީ އެހެން ބަޔަކު މުއްސަނދިވެދާނެތީ ބިރުން ކަމަށެވެ. އެހެންނަމަވެސް ބުޅާ މަހުން ބާގާ އާއި ސަބްމެރިން ކެވުމުން މިހާރު އިންތިޒާމެއްގެ ދަށުން މޮނީޓާރ ކުރެވޭ ޖަވާބުދާރީ ކުރެވޭނެ ފަދަ ގޮތަކަށް ވަކި މިންގަނޑެއްގެ ތެރެއިން އަނގަޔަށް ލާ އުޅޭ ތަކެތި އުފެއްދުން މުހިންމު ވަރު ފަހުމްވާނެއެވެ.

2020 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ކަމާއި ބެހޭ މުއައްސަސާތަކުގެ ހުއްދެއް ހޯދުމެއް ނެތި، އާންމުނަަށް ކާބޯތަކެތީގެ ހިދުމަތްތައް ފޯރުކޮށްދަމުންދާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް އަންގާފައެވެ. އެޗްޕީއޭއިންވަނީ ގަވައިދުތަކާއި ހިލާފަށް މަސައްކަތްތައް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.

މިގޮތުގެ މަތިން އެޗްޕީއޭއިން އަމަލުކޮށްފައިވަނީ ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލިޑިވްސްއިން ގިނަ ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށް މައްސަލަ ހުށައަޅާފައިވުމުންނެވެ. ރޭމްގެ ޝަކުވާއަކަށްވީ އާންމުންނަށް ކެއިންބުއިން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތި އެ މަސައްކަތްތައް ކުރިއަށް ގެންދަމުންދިއުމެވެ.

އެހެންނަމަވެސް އިގްތިސާދީ ވުޒާރާއިންވަނީ 2020 ސެޕްޓެމްބަރު 3 ވަނަ ދުވަހު ބަޔާނެއް ނެރި އެޗްޕީއޭގެ އެންގުމަށް ރައްދު ދީފައެވެ. އެ ވުޒާރާއިން އޭރު ނެރުނު ބަޔާނުގައިވާގޮތުން ވިޔަފާރިތައް ރެޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވަކިވަކި ފަރުދުން އާމްދަނީ ހޯދުމަށްޓަކައި ކުރާ ބައެއް ކަންކަން އިސްތިސްނާ ވިޔަފާރިތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށެވެ.

އެހެންކަމުން ފަރުދަކު އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އެ މީހެއް ދިރިއުޅޭ ގޭގައި ނުވަތަ ތަންތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެހެން ހިދުމަތެއްވެސް ފޯރުކޮށްދިނުމަށްޓަކައިވެސް އެ މަސައްކަތްތައް ރަޖިސްޓްރީކުރަން ނުޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބަޔާން މެދުވެރިކޮށް މައުލޫމާތު ދިނެވެ.

މިނިސްޓްރީއިވަނީ ގޭގައި ތިބެގެން އާމްދަނީއެއް ހޯދަން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދާއިމީ ކޮށާއި ވަގުތީ ގޮތުންވެސް އާމްދަނީއެއް ހޯދުމަށް އެ މަގުން މަސައްކަތްކުރުމުގައި ގާނޫނީ ހުރަހެއް ނެތްކަން ފާހަގަކޮށްފައެވެ. އެ މިނިސްޓްރީއިންވަނީ ގޭގައި ތިބެ ކެއިންބުއިން ތައްޔާރުކުރުމުގައި އެޗްޕީއޭއިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުން މުހިންމުކަމަށްވެސް ހިއްސާކޮށްފައެވެ.

އެޗްޕީއޭގެ މަސައްކަތްތަކަށް ބަލާއިރު އެންމެ ފާހަގަކުރެވުނީ މި އަހަރުގެ މާޗު މަހު އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބެކެވެ. ހުޅުމާލެ، ތިލަފުށި، މާލެ، ގުޅިފަޅު، ވިލިމާލެ ކްރޮސްރޯޑްސްއާއި އެއަރޕޯޓު ހިމެނޭހެން ގްރޭޓާރ މާލެ ސަރަހައްދުން 993 ތަނެއް ޖުމުލަކޮށް ބަލާ ފާސްކުރިކަމަށް ބުނެފައިވެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ފެބްރުއަރީ 19އިން ފެށިގެން މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މިއީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބަލާ ފާސްކުރުމުގެ އިންސްޕެކްޝަނެއްކަމަށް މައުލޫމާތު ދީފައިވެއެވެ.

މާލެއިން އެކަނިވެސް 597 ލޮކޭޝަނެއް ބަލާ ފާސްކުރިއެވެ. މީގެ ތެރޭގައި 295 ކެފޭއަކާއި 94 ރެސްޓޯރަންޓު ހިމެނެއެވެ. އަދި ހޮޓާތަކާއި ޓޭކްއަވޭތަކާއި ކެންޓީނުތައްވެސް ހިމެނެއެވެ. ފިހާރައިގެ އިތުރުން ގާޑިޔާތައްވެސް ބަލާ ފާސްކުރިއެވެ. އަދި 8 ބަދިގެއަކަށްވެސް ވަތްކަމަށް ހިސާބުތަކުގައިވާއިރު ގާޑިޔާ ކިއޮސްކްގެ ގޮތުގައި ފާސްކުރީ އެއް ތަންކަމަށް ހިއްސާކޮށްފައިވެއެވެ.

ހުޅުމާލޭގައިވެސް ބުރަ މަސައްްކަތްތަކެއް ކޮށްފައިވެއެވެ. ޖުމުލަކޮށް 308 ތަނެއް ބަލާ ފާސްކުރިއިރު އެންމެ ގިނައިން ވަދެފައިވަނީ ކެފޭތަކާއި ރެސްޓޯރަންޓުތަކަށް ކަމަށް ބުނެފައިވެއެވެ. 76 ރެސްޓޯރެންޓާއި 99 ކެފޭއެއް އެޗްޕީއޭއިން އިންސްޕެކްޓުކުރިއިރު ހުޅުމާލެ ސަރަހައްދުން ބަލާ ފާސްކުރުމަށް ޒިޔާރަތްކުރެވުނީ 1 ބަދިގެއަށް ކަމަށް ބުނެފައިވެއެވެ.

އިންސްޕެކްޓު ކުރި 993 ތަނުން 8 އިންސައްތަ ތަންތަނުގެ ސާފުތާހިރުކަން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާއިރު 0.8 އިންސައްތަ ތަންތަނަކީ އިންތިހާއަށް ގޯސް ހާލަތުގައި ހުރި ތަންތަންކަމަށްވެސް ބުނެފައިވެއެވެ.

މި އިންސްޕެކްޝަންގައި މާލެ ސިޓީ ކައުންސިލުންވެސް ބައިވެރިވިއެވެ. އިންސްޕެކްޝަން ނިންމާލެވުމާއިއެކު ކައުންސިލުންވަނީ ގްރޭޓާރ މާލެ ސަހައްދުގައި ހުރި ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކޮށްފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އަދި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ އެތައް ތަނެއް ހުރިކަމަށް ހިއްސާކޮށްފައިވާއިރު ގިނައީ ކުދި ކެފޭތަކާއި ބިދޭސީން ހިންގާ ތަންތަން ކަމަށްވެސް ފާހަގަކުރިއެވެ.

ހުއްދައެއް ހޯދުމެއް ނެތި ބިދޭސީން ކާބޯތަކެތި އުފައްދަމުންދިޔަ އެތައް ތަނެއްވެސް އިންސްޕެކްޝަންގެ ތެރެއިން ފެނިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދިނެވެ. އަދި މައުލޫމާތު ނަގާ އެއްކޮށްފައިވާކަމަށް ބުނެފައިވާއިރު އެތަންތަނާއިމެދު އެޗްޕީއޭއިން ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު ދިގަށް 8 ވަރަކަށް ފޫޓު ހުރި 4 ވަރަކަށް ފޫޓު ފުޅާ އެ ބަދިގޭގައި 10 ވަރަކަށް ގޭސްފުޅި ހުރިކަން ފާހަގަކުރެވެއެވެ. އަދި އަވައްޓެރިން އެ ނުރައްކާތަކުގެ ވާހަކަތައް ފުލުހުންނަށް އަންގައި އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލުން އެތަނަށް ޒިޔާރަތްވެސް ކުރިކަން މީޑިއާތަކަށް ހިއްސާކޮށްފައިވާއިރު ހެލްތަށްވެސް ބުޅާ ކަތިލާކަމަށް ތުހުމަތުކުރެވޭ މިތަނާއި ގުޅޭގޮތުން މީގެ ކުރިން ޝަކުވާތައް ހުށައަޅާފައިވާކަމަށް ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތު ދީފައިވާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން ބުޅާ މަހުން ބާގާ ހެދި މީހާގެ އިތުރުންވެސް މިކަމުގައި ޔަގީނުންވެސް ޒިންމާތަކެއް ނަގަންޖެހޭ ފަރާތްތަކެއް ވާކަން ސާފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: