ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިއަދު ފެށި މި މައްސަލައަކީ، ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގި މައްސަލަ އެވެ.
ހައިކޯޓުގެ ހުކުމް އިއްވިތާ ގިނަ ދުވަސް ފަހުން، ކްރިމިނަލް ކޯޓުގައި ތާވަލު ކުރި މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދެން އޮންނަ އަޑުއެހުމުން ފެށިގެން ޝަރީއަތްތައް ލައިވް ކުރުމަށް ނިންމަވާފަ އެވެ.
އިދާރީ އަޑުއެހުމެއްގެ ގޮތުގައި ބޭއްވި މި އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ މީގެ ކުރިން ވެސް އެ ޝަރީއަތްތައް ލައިވްކޮށްފައި ވާތީ އެ ޝަރީއަތް ވެސް ލައިވް ކުރުމަށެވެ.
އެ ހުށަހެޅުން ބަލައިގަނެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ދެން އޮންނަ އަޑުއެހުމަކުން ފެށިގެން ޝަރީއަތް ލައިވް ކުރުމަށެވެ.
ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރ 16، 2024 ގައެވެ.

