ފެހި ގާނޫނޫއަސާސީން ރާއްޖެއަށް ތާރަފްކޮށްދިން މަލްޓިޕާޓީ ނިޒާމު ހަރުދަނާވެފައިވާކަމަށް ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަސައްކަތްތަކުގެ ފޮޓޯތަކެއް މިނިސްޓަރު އާދަމް ޝަރީފް ވަނީ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރައްވާފައެވެ. އެ ފޮޓޯތަކުގައި އެހެނިހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް އިސް ފަރާތްތަކާއިއެކު މަސައްކަތްތައް ކުރިއަށް ގެންދާ މަންޒަރު ފެނިގެންދެއެވެ. އާދަމް ޝަރީފް ވިދާޅުވީ، ފެހި ގާނޫނުއަސާސީއިންވަނީ ރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމެއް ތައާރަފްކޮށްފައިކަމަށެވެ. އަދި މިހާރު މަޑުމަޑުން ނަމަވެސް އެ ނިޒާމުގެ ތަސައްރަފު ފުދެމުންދާކަން ޔަގީންވާކަމަށް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެ ނިޒާމު ހަރުދަނާވަމުން އަންނަކަމުގެ އަސަރުތަކާއި ނިޝަންތައް ފެންނަކަމާއިމެދު އުފާކުރައްވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެންނަމުންދާ ކަންކަމުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ކަމުގެ އުންމީދު އާލާވެގެންދާކަމަށެވެ.

