ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރ އާއި އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެސްއޯއީތަކުގެ އާމްދަނީގެ ނިސްބަތް އިތުރުވެފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާރގައި އެސްއޯއީތަކުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ރިޕޯޓެއްގައި އެ މުއައްސަސާއިންވަނި މި އަހަރުގެ ތެރޭގައި އެސްއޯއީތަކަށް ލިބޭ އާމްދަނީގެ އަދަދުތައް ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރ އާއި އަޅާ ބަލާއިރު 5 އިންސައްތަ އިތުރުވެފައިވާކަމަށް ބުނެފައެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި 13.09 ބިލިއަން ލިބިފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާރގައި 13.74 ބިލިއަންގެ އާމްދަނީ އެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް މި އަހަރު ފައިދާ ލިބުނު މިންވަރުތައް 20 އިންސައްތައިން ދަށްވެފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރގައި 2.10 ބިލިއަންގެ ފައިދާއެއް ލިބިފައިވާއިރު މި އަހަރު ލިބިފައިވަނީ 1.69 ބިލިއަންކަމަށް މައުލޫމާތު ދީފައިވެއެވެ.
އެސްއޯއީތަކުގެ އެސެޓުތައް 11 އިންސައްތައިން އިތުރުވެފައިވާކަމަށްވެސް ޕީސީބީން ބުނެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި 167.54 ބިލިއަންގައި މި އަދަދުތައް ހުރިއިރު މި އަހަރު ފުރަތަމަ ކުއާޓާރގައި 186.39 ބިލިއަނަށް އަރާފައިވާކަމަށާއި އެހެނެންމަވަެސް ލޯނުތައް ނަގާފައިވާ ނިސްބަތްވެސް އިތުރުވެފައިވާކަމަށް ހާމަކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ ފުރަމަތަ ކުއާޓާރގައި އެސްއޯއީތަކުގެ ލޯންސް އެންޑް ބޮރޮވިންގްސް ހުރީ 30.57 ބިލިއަންގައިކަމަށްވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާރގައި 11 އިންސައްތަ އިތުރުވެ 33.82 ބިލިއަނަށް އަރާފައިވާކަމަށް ބުނެފައިވެއެވެ.
ސަރުކާރުން ދީފައިވާ ގްރާންޓުތަކާއި ސަބްސިޑީ އަދި ކެޕިޓަލް އިންވެސްޓުމެންޓުތައްވެސް އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކައެވެ. އެގޮތުން ގްރާންޓު ދީފައިވާ އަދަދުތައް 3 އިންސައްތައިން އިތުރުވެފައިވާކަމަށް ބުނެފައިވާއިރު ސަބްސިޑީގެ ގޮތުގައި ކޮށްފައިވާ ހަރަދު 2 އިންސައްތައިން އިތުރުވެފައިވާކަމަށް ފެނިގެންދެއެވެ. ކެޕިޓަލް އިންވެސްޓުމެންޓުތަކުގެ ގޮތުގައި ކޮށްފައިވާ ހަރަދުތައް ވަނީ 5 އިންސައްތައިން އިތުރުވެފައިކަމަށް ޕީސީބީން މައުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް ޖުމުލަކޮށް ކޮށްފައިވާ ހަރަދުތައް ނިމިދިޔަ އަހަރުގެ ފުރަަތަމަ ކުއާޓާރާއި އަޅާ ބަލާއިރު 1 އިންސައްތަ ދަށްކަމަށް މައުލޫމާތު ދީފައިވެއެވެ.

