ކ. ކަނޑުއޮތްގިރި މިހާރު ވާނީ އެމްއެންޑީއެފަށް ދޫކޮށްލާފައިކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މީގެ ކުރީގައި ކަނޑުއޮތްގިރި އޮތީ ކަންނެލި މަސްވެރިކަމަށް ހާއްސަކޮށްފައި ނަމަވެސް، މިހާރު އެތަން ވާނީ އެމްއެންޑީއެފްއަށް ދޫކޮށްލާފައިކަމަށެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފްއާއި ހަވާލުކުރީ އޮގަސްޓް 4 ގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުއޮތްގިރީގައި ކަންނެލީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ވަރަށް ދިގު މުއްދަތަކަށް ކުރެވުނުކަމަށްވެސް ވިދާޅުވިއެވެ. އެދެވޭ ހައްލެއް ލިބިފައިނުވާކަމަށާއި، ކަނޑުއޮތްގިރި އެމްއެންޑީއެފްއަށް ހަވާލު ކުރެވުމާއިއެކު، އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މިއީ ހެޔޮ ބަދަލަކަށް ވާނެކަމަށް ޝީޔާމް ވިދާޅުވިއެވެ. ކަންނެލި މަހުގެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެ މާހައުލު ރަނގަޅު މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

