ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށް ވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވު އެއްކޮށް ހުސްވެފައިވާކަމަށް ބުނާ މީޑިއާ ރިޕޯޓުތައް ދޮގުކޮށް އާންމު ކުރި ބަޔާނެއްގައި އެމްއެމްއޭއިން ބުނީ ރަސްމީ ރިޒާވާއި ގުޅުވައި ލިޔެފައި ވަނީ ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށެވެ.
އެމްއެމްއޭއިން ބުނީ ރިޒާވްގެ މައުލޫމާތު އެ އޮތޯރިޓީން ދާނީ މަހުންމަހުން ޝާއިއު ކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށް ވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް އެއްކޮށް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވެސް ދޮގު ކުރެއްވި އެވެ.
އެ ހަބަރުތައް ދޮގުކޮށް، މިނިސްޓަރ ސައީދު ވިދާޅުވީ އެއީ އެއްވެސް އަލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވާކަމަށް ރިޕޯޓުތަކެއް އައިނަމަވެސް، ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ. އަދި ދަތިތައް ދިމާވަނީ، މީގެ ކުރީގައި ފައިނޭންސްތައް ރަނގަޅަށް މެނޭޖު ނުކުރެވި ލޯނުތައް ނަގާފައި ހުރުމުންކަމަށް ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، 120 ބިލިއަންގެ ދަރަންޏެއް އޮއްވައި އެމަނިކުފާނު މަސައްކަތް ކުރައްބަމުން ދަނީ ފައިސާ ޗާޕު ނުކޮށް ގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށެވެ.
ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރީ، ގައުމުގެ އިންފްލޭޝަނަށް ކުރާނެ އެއްވެސް އަސަރަކަށް ބެލުމެއް ނެތިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އިންތިހާއަށް އުފުލި ދިވެހި ފައިސާގެ އަގު ވެއްޓުނު ކަމަށެވެ.

