ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެއްޓުމަށް ސަރުކާރުން ކުރި އިއުލާނަށް 36 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ”ޕީއެސްއެސްއެމް“ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އޮޕަރޭޝަނަށް ކުރިމަތިލާފައި ވަނީ ދުނިޔޭގެ ހެލިކޮޕްޓަރު އޮޕަރޭޝަންގެ ބޮޑެތި ކުންފުނިތައް ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި މަޝްރޫއަށް އެންމެ އެކަށީގެންވާ ޕްރޮޕޯނެންޓެއް ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި މަސައްކަތް ކުރިއަށް ދަނީ ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށާއި، އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށް ކަމަށެވެ. ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އުނޅަދު އޮޕަރޭޓްކުރުމަށް ބޭނުންވާ މީހުން ހޯދުމަށް މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އިއުލާނުކުރީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ކުއްލި އެމާޖެންސީ ހާލަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މި ހިދުމަތް ރާއްޖޭގައި ދެވެނީ ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭނަމައެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރެވެން ޖެހޭއިރު، އްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރ ޓްރާންސްޕޯޓް ތައާރަފު ކުރަން ޖެހޭކަމަށްވެސް މި އިއުލާނުގައިވެއެވެ.
ކާމިޔާބު ފަރާތަކަށް 10 އަހަރުގެ އެކްސްކްލޫސިވިޓީއެއް ދީގެން ފަތުރުވެރިކަމަށް ހެލިކޮޕްޓަރު ޕެސެންޖަރ ޓްރާންސްފަރ ކުރުމުގެ ފުރުސަތު ދިނުމަށް ވިސްނާކަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާއިރު، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ އެ ސްޓަޑީޒްގައި ބުނާ މިންގަނޑުތަކަށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

