ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގި ވަގުތު ކަރު ދުއްވަން އިންކަމަށް ތުހުމަތު ކުރާ މީހާ ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.
މިއީ މިދިޔަ ޖުލައި، 31 ގައި ވިނަރެސް ފްލެޓުތަކާއި ކައިރި މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެ މަގުގެ އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު ހާދިސާއެވެ. އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވި އިބްރާހިމް އިކްރާމް ފުލުހުން ހައްޔަރު ކުރީ، އެރޭގެ ވަގުތެއްގަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުން އެ ނިންމުން ގޯސްކަމަށް ބުނެ މައްސަލަ ހައިކޯޓަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅީއެވެ.
މައްސަލަ އިސްތިއުނާފުކޮށް އިކްރާމްގެ ފަރާތުން ބުނެފައި ވަނީ، ފުލުހުން އަމަލު ކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ. އަކްރަމް ބަންދު ކުރުމަށް ނެރުނު އަމުރު ހައިކޯޓުން އިއްޔެ ބާތިލު ކުރީ، އޭނާއަށް ވަކީލެއްގެ ފުރުސަތު ދީފައި ނުވާތީއެވެ. ކޯޓު އަމުރުގައި ވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވެސް އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ މިނިސްޓަރު އަލީ އިޙްސާން ވަނީ މިކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ދޫކޮށްލި މީހާ އަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ހައިކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމަށް ފަހު އިއްޔެ އޭނާ މިނިވަންވެފައި ވާތީ، ގިނަ ބައެއްގެ ފާޑުކިއުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. ފުލުހުންގެ ގިނަ ގޯސްތަކެއް ފާހަގަކުރި އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައި ވަނީ ފުލުހުން ކޯޓު އަމުރަށް އެދުނީ 06:44 ގައި ނަމަވެސް ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 07:23 ގައިކަމަށެވެ. އަދި މުވައްކިލުންގެ ފަރާތުން 08:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއން 09:52 ގައި ވަކީލު އައްޔަނު ކުރިކަމަށެވެ. ވަކީލު އައްޔަނު ކުރިކަން ވަކީލަށް އެންގީ 10:06 ގައި ނަމަވެސް 10:00 ގައި އޭނާ ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ފެށިކަމަށެވެ.

