ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕްގައި މިހާރު ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގައި ގިނަ ބައެއްގެ ފުރާނައަށް ގެއްލުން ލިބިދާނެކަމުގެ ބިރު ބޮޑުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕްގައި މިހާރު ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން ގިނަ ބައެއްގެ ފުރާނައަށް ގެއްލުން ލިބިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މީޑިއާތައް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޔޫރަޕްގެ ގައުމުތަކަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ރޮމޭނިއާގެ އިރުމަތީ ސަރަޙައްދުގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 4 މީހުން މަރުވެ، އެތައް ސަތޭކަ ގެއެއް ހަލާކުވުމާ ގުޅިގެން، އެ ޤައުމުން ވަނީ ހިޖުރަކުރާ މީހުންނަށް ކޭމްޕުތައް ޤާއިމްކޮށް، ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.

މީހުން ރައްކާތެރި ތަންތަނަށް ގެންދިއުމަށް ސިފައިންގެ ބޯޓުފަހަރާއި މަތިންދާބޯޓުތައް ބޭނުންކުރެވެމުންދާއިރު، ބޮޑުވަޒީރު މާސެލް ޗޯލާކޫ ވިދާޅުވެފައިވަނީ މިހާރު އެންމެ އިސްކަމެއް ދެވެނީ އިތުރު މީހުންނަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މެދު އަދި އިރުމަތީ ޔޫރަޕްގައި ވާރޭވެހި، ކޯރުތައް ފުރި، ޗެކް ރިޕަބްލިކް، ޕޮލެންޑް، އޮސްޓްރިއާ، ސްލޮވާކިއާ އަދި ހަންގޭރީގައި ފެންބޮޑުވުމުގެ އިންޒާރު ދެވިފައިވެއެވެ.

ޗެކް ރިޕްބްލިކްގެ ވެރިރަށް ޕްރާގްގައި ފެންބޮޑުވުން ހުއްޓުވުމަށް ޖަހާފައިވާ ފާރުތައް އުސްކުރެވިފައިވާއިރު، ޕޮލެންޑްގެ ބައެއް ސަރަޙައްދުތަކުން ރައްޔިތުން ވަނީ ސަލާމަތްކުރެވިފައެވެ.

”ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ރޮމޭނިއާގެ ދެކުނު އިރުމަތީ ސަރަޙައްދު ކަމުގައިވާ ގަލާޓީ އިިން މަރުވެފައިވާ ހަތަރު މީހުން ފެނިފައިވާކަން އޭ.އެފް.ޕީ ނިއުސް އޭޖެންސީއަށް ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަށަވަރުކޮށްދީފައިވެއެވެ. އަދި ޤައުމުގެ 19 ސަރަޙައްދަކުން ގިނަ އަދަދެއްގެ މީހުން އެމީހުންގެ ގެތަކުން ސަލާމަތްކުރެވިފައިވާ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ޔޯރަޕްގެ ގައުމުތަކަށް ކުރަމުންދާ ވިއްސާރައާއި ބެހޭގޮތުން ޕޮލެންޑްގައި، އެތެރޭގެ ކަންތައްތަކާ ބެހޭ ވަޒީރު ތޮމާޝް ސިއެމޮނިއާކް ވިދާޅުވި ގޮތުގައި ހަތަރު ކޯރެއްގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ”އުނދަގޫ ޙާލަތެއް“ ވަނީ ކުރިމަތިވެފައެވެ.

ޤައުމުގެ ދެކުނު ހުޅަނގުގައި، ބިއާލާ ކޯރުގެ ފެންގަނޑު ރައްކާތެރި މިންވަރަށްވުރެ ދެ މީޓަރު އުސްވެފައިވާއިރު، ޚާއްޞަކޮށް ކައިރީގައިވާ މޮރޯވް އަދި ގްލުޚޮލާޒީ ރަށްތަކާ މެދު ކަންބޮޑުވުން އޮތްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ވްރޮކްލޯ ސިޓީގައި، ފެންބޮޑުވުމުގެ ބިރަށްޓަކައި ލިފްޓުތައް ބަންދުކުރެވިފައިވާތީ، އެތައް ސަތޭކަ ރައްޔިތުން އުސް އިމާރާތްތަކުގެ ސިޑިން އަރާ ފައިބަން ޖެހުނުކަމަށް ސިޓީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވަނީ ރައްޔިތުންނަށް ޔަގީންކަން ދިނުމަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ ލަފާކުރެވޭ ގޮތުން ”މާ ބޮޑު ބިރެއް ނެތް“ ކަމަށާއި، މުޅި ޤައުމަށް މި ނުރައްކާ ކުރިމަތިވެފައި ނުވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ކުރަމުންދާ ވިއްސާރައިގައި  ޗެކް ރިޕަބްލިކްގައިި ތަފާތު 38 ސަރަޙައްދެއްގައި ފެންބޮޑުވުމުގެ އިންޒާރު ދެވިފައިވެއެވެ. ޕްރާގްގައި، ފެންބޮޑުވުމުން ރައްކާތެރިވުމަށް ބޭނުންކުރާ ހުރަސްތައް އުފުލާފައިވާއިރު، އާންމުންނަށް ގޮނޑުދޮށްތައް ބަންދުކޮށް، އަދި ޒޫ ވެސް ބަންދުކޮށްފައިވެއެވެ.

ހުކުރު ދުވަހުގެ ހެނދުނު، ސިޓީ ތެރެއިން ދަތުރުކުރާ ”ޑެވިލްސް ކެނާލް“ ނުވަތަ ”ޗެރްޓޮވްކާ“ ކިޔާ ކޯރު ބަންދުކުރުމަށް 1 މީޓަރު ބޯމިނުގެ ދަގަނޑު ދޮރެއް ބޭނުންކުރެވުނެވެ. މި ދޮރަކީ 1997 އަދި 2002 ގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޤައުމީ ފެންވަރުގައި ޤާއިމްކުރެވިފައިވާ ފެންބޮޑުވުމުން ރައްކާތެރިވުމުގެ ނިޒާމުގެ ބައެކެވެ.

މި ހަފްތާ ބަންދުގައި ސަމާލުކަން ދެވިފައިވަނީ ޤައުމުގެ މެދު އަދި އިރުމަތީ ސަރަޙައްދުތަކަށް، ޚާއްޞަކޮށް އުތުރު މޮރޭވިއާ އަށެވެ. އެއީ 1997 ގައި 50 މީހުން ފުރާނަ ގެއްލުނު ސަރަޙައްދެވެ.

ޖެސެނިކީ ފަރުބަދަތަކަށް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި 400 މިލިމީޓަރުގެ ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި ފެން އޯޑަރ (ޗެކް ބަހުން އޯޑްރާ) ކޯރުން ދަށަށް ފައިބައި، ޕޮލެންޑަށް ދަތުރުކުރާނެއެވެ. މި ދަތުރުގައި ގިނަ އަދަދެއްގެ ރަށްތަކާއި ރަށްފުށުގެ އާބާދީތަކުން މި ފެން ހުރަސްކުރާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީގެއިގތުރުން ބީބީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޮސްޓްރިއާގައި، މޫސުމީ ރެކޯޑުތައް ފެށުނީއްސުރެ އެންމެ ހޫނު ގަދަ އޯގަސްޓް މަސް ފާހަގަކުރެވުނު ކަމަށް އޮފިޝަލުން ބުނާ ޤައުމުގައި، ގިނަ ސަރަޙައްދުތަކަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި 10-20 ސެންޓިމީޓަރުގެ ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އުތުރުގެ ބައެއް ސަރަޙައްދުތަކަށް 20 ސެންޓިމީޓަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވިއްސާރައިގެ އިންޒާރުދޭ މަރުކަޒު ޔޫޑަބްލިއުޒެޑްއިން ބުނެފައިވަނީ ބައެއް ސަރަޙައްދުތަކުގައި ”މަދު ދުވަސްކޮޅެއްގެ ތެރޭގައި“ މުޅި ސެޕްޓެމްބަރ މަހުގެ ކުރީގެ ރެކޯޑުތައް ފަހަނައަޅާދާނެ ކަމަށެވެ. ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި ވެރިރަށް ވިއެނާގައި ބާރުގަދަކޮށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ހުޅަނގު ސަރަޙައްދުގައި ބޯކޮށް ފިނިކަން ވެހުމުގެ ސަބަބުން ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

ޖަރުމަނުގެ ބަވޭރިއާ ސްޓޭޓުގެ ސަރަޙައްދުގައިވެސް މެދުނުކެނޑި ވާރޭވެހުން ކުރިއަށްދާނެކަމަށް ލަފާކުރެވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދުނިޔޭގެ ގިނަ ސަރަޙައްދުތަކެކޭ އެއްފަދައިން ޔޫރަޕުގައިވެސް އާދަޔާ ޚިލާފު ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އިތުރުވަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: