ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 10 މަސް ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރުވުމަކީ ސަރުކާރާއި މެދު ސުވާލު އުފައްދާ ބަޔަކަށް ދެވޭނެ އެންމެ ވަރުގަދަ އެއް ޖަވާބުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބަންކަރިން ސަވިސް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ދީފައި ވެއެވެ. އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް އެސްޓީއޯ އާއި އެމްޕީއެލް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގެ ހިދުމަތް މި މަހުގެ 19 ގައި ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ އެކަމުގެ ފަހު ތައްޔާރީތައްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ މި ހިދުމަތް ފެށުމުން އެމްޕީއެލްއިން މެރިޓައިމްގެ 14 ހިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެކަމަށެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މީގެތެރޭގައި ޕައިލެޓޭޖާއި، ކްރޫއިން ބަދަލު ކުރުން އަދި ކާބޯތަކެތި ފޯރުކޮށްދިނުން އަދި ޓަގް ހިދުމަތް ހިމެނެ އެވެ. އަދި ވިދާޅުވީ މަހު އޮފް ޝޯކޮށް ހިދުމަތް ފެށުނު ނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ބޯޓުތައް ހއ. ހޯރަފުށިއަށް ބަނދަރުކޮށްގެން ހިދުމަތް ދިނުމަށް އިހަވަންދިއްޕޮޅަށް ބޮޑު ބަދަަލެއް ގެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ވަޖީހު ފާހަގަކުރެއްވި ގޮތުން ހޯރަފުށި ފަޅު ހިއްކައިގެން ތެޔޮ ޓާމިނަލްއާއި އިންޓަނޭޝަނަލް ފެންވަރުގެ ޓާމިމަލްއެއް ތަރައްގީ ކުރުން ހިމެނެ އެވެ.
ވަޖީހު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެން ދާނީ އެގައުމެއްގަ ތިބި ޕްރައިވެޓް ޕާޓީތައް ރަނގަޅު ވެގެން ކަމަށާ އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުގެ އާމްދަނީ އިތުރުވެ، އެމީހުން ތަރައްގީވެ ގޮސްގެން ކަމަށެވެ.
ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގަ މި ފަށާ ޚިދުމަތަކީ އެއީ އިންޓަރނޭޝަނަލް ބަންކަރިންގްގެ ޚިދުމަތް ކަމަށެވެ. އަދި އެކަމުގެ ހުރިހާ މުއާމާލާތެއް ހިންގިގެންދާނީ ބޭރު ފައިސާއިން ކަމަށާ އެމްޕީއެލްއިން ހިންގާ ކަންކަމުގެ ތެރޭގައި ހިމެނޭ ޑޮކިންގްގެ ކަންތައްތަކާ ސަލްވޭޖުގެ ޚިދުމަތްތަކުގައި ވެސް މުއާމަލާތް ކުރެވޭނީ ޔޫއެސް ޑޮލަރުން ކަމަށެވެ.
އެހެންކަމުން އެމްޕީއެލް މެދުވެރިކޮށް ވެސް ގިނަ އަދަދެއްގެ ބޭރު ފައިސާ ވަންނާނެ ކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ޤަބޫލުކުރެވޭ ގޮތުގައި މި ޚިދުމަތާއެކު ރާއްޖޭގައި ޔޫއެސް ޑޮލަރަށް ހުރި ދަތިތަކަށް ވަަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެެވެ.

