ދިވެހިރާއްޖޭގައި އިސްލާމީ މާލިއްޔަތުގެ ހިދުމަތްތަކަށް ހުރި ޑިމާންޑު ވަރަށް މަތިކަމަށާއި މުސްތަގުބަލުގައި މި ސަރަހައްދުގެ އިސްލާމީ މާލިއްޔަތުގެ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަންގާރަ ދުވަހު ވިލާ ނޯޓިކާގައި ބޭއްވި ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް އެންޑް އެވޯޑްސް 2024ގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން މިނިސްޓަރ ޑރ. ޝަފީގު ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމީ މާލިއްޔަތުގެ ހިދުމަތްތައް ފޯރުކޮށްދޭ އިދާރާ ކަމަށްވާ އަމާނާ ތަކަފުލް ޤާއިމުކުރިތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އޭގެ ފަހުން ރާއްޖެށް ބޮޑެތި ކުރިއެރުންތަކެއް ލިބި މިހާރު ފަހުރުވެރިކަމާއެކު މޯލްޑިވްސް އިސްލާމިކް ބޭންކާއި، އެޗްޑީއެފްސީ އަމްނާ، އަދި ބީއެމްއެލް އިސްލާމިކް ފަދަ އެކިއެކި ފަރާތްތައް މެދުވެރިކޮށް އިސްލާމީ މާލީ ހިދުމަތްތައް ފުޅާ ދާއިރާއެއް ފޯރުކޮށްދެމުންދާ ކަމަށެވެ.
މީގެ އިތުރުން ގަވަރމަންޓް ސެކިއުރިޓީސްގެ މާކެޓްވެސް އިތުރަށް ތަރައްގީވެ އިންޓަރނޭޝަނަލް އިސްލާމިކް ޑެޓް ކެޕިޓަލް މާކެޓަށް ވަދެ 2021 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ސަރުކާރުން ވިއްކާފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ސުކޫކްގެ ޕޭމަންޓްތައް ގަޑިން ގަޑިއަށް ދައްކަމުން އައިސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ކުރެވޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ މާލީ ހާލަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރަނގަޅު މާލީ އިސްލާހުތަކެއް މެދުވެރިކޮށް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިސްލާމީ މާލިއްޔަތުގެ ހިދުމަތްތައް ދޭ ސިނާއަތް އިތުރަށް ވަރުގަދަކޮށް އިސްލާމިކް ގްރީން ފައިނޭންސިންގެ ފުރުސަތުތައް ހޯދުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

