މަސްވެރިކަން ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) އާއިއެކު ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް މަޝްވަރާކުރައްވައިފިއެވެ.
އިފާޑު ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަން ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން މެރިކަލްޗަރ ތަރައްގީ ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތައްވެސް ޝިޔާމް ހިއްސާކުރެއްވިއެވެ.
ޝިޔާމް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތަށް ހިއްސާކުރައްވާފައެވެ.
އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމް ވެސް ދިވެހި ސަރުކާރާއެކު އޮތް ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ވުޒާރާއާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

