ލޯނު ދިނުމުގެ މަސައްކަތް މިހާރަނަށްވުރެ ހަލުވި ކުރުމަށް ޑިޖިޓަލައިޒްޑް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ
މުސްތަގުބަލަށް ކުރާ ބޮޑު އިންވެސްޓެއްގެ ގޮތުގައި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސުލްޖުމްހުރިއްޔާ ނިންމަވާފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އެގޮތުން 1،300 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދީފައިވާކަމަށް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ދަރިވަރުންނަށް ލޯނުތައް ދިން ނަމަވެސް، އެ ލޯނުތަކަށް ފައިސާ ދޫކުރަންވެސް ޖެހުނީ މި ސަރުކާރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެންކަމުން ކޮންމެ ހަ މަހަކުން، ހަ މަހަކުން ދަރިވަރުންނަށް ލޯނުގެ ފައިސާ ދޫކުރަމުން ގެންދާކަމަށެވެ.
ލޯނުގެ ފައިސާގެ ގޮތުގައި މުޅި ޖުމްލަ 473 މިލިއަނަށްވުރެ ގިނަ ރުފިޔާ މި އަހަރުގެ މިހާތަނަށް ދޫކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދިވެސް ހުއްޓުމެއް ނެތި ލޯނު ދޫކުރުމުގެ ކަންކަން ކުރިއަށްދާކަމަށާއި، އަދި މި ފައިސާ ޖަމާކުރަނީ ދަރިވަރުންގެނުވަތަ އެ ދަރިވަރަކުން އެދިފައިވާ އެކައުންޓްތަކަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއީ އެކައުންޓުތަކަށް ޖަމާކުރުމަށް މާލިއްޔަތު ގާނޫނު ތަން ދޭނަމަ ދަރިވަރު ކަނޑައަޅާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރަނީ. އެނގިވަޑައިގަންނަވާނެ ފަދައިން ލޯނު ދޭން ހުޅުވާލަނީ ވަކި ގައުމުތަކެއްގައި ކިޔެވޭ ގޮތަށް.
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލޯނުގެ ފުރުސަތު ހުޅުވާލަނީ ވަކި ގައުމުތަކެއްގައި ކިޔެވުމަށްކަމަށާއި، ނަމަވެސް އެ ގައުމުތަކަށް ހިނގާ ހަރަދާއި އެއްވަރެއްގެ ހަރަދެއް އެހެން ގައުމެއްގައި ކިޔެވުމަށް ހިނގަނީނަމަ، އެ ފުރުސަތުވެސް އޮންނަކަމަށެވެ.
ލޯނު ދޫކުރަން ފެށުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކެއް ހުންނަކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ކަމާއި ގުޅޭ ލިޔުންތައް އެކަމަށް ބޭނުންވާނެ ވަގުތު އޮއްވާ މިނިސްޓްރީއަށް ހުށައެޅުމަށް ދަރިވަރުންނަށް އިރުޝާދު ދީފައިވާނެކަމަށެވެ. ލޯނުގެ ލިޔެކިއުމުގެ މަސައްކަތްތައް ނިންމުމަށް ދަތިތަކާއި ކުރިމަތިވާނެ ސަބަބުތައް މެދުވެރިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފާހަގަކުރެއްވީ ލިޔެކިޔުންތައް ނުލިބުމެވެ.
ލޯނު ދިނުމުގެ މަސައްކަތް މިހާރަނަށްވުރެ ހަލުވި ކުރުމަށް ޑިޖިޓަލައިޒްޑް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދެމުން އަންނަ ސްކޯލަރޝިޕްތަކާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. މީގެ ތެރޭގައި ދެވައްތަރެއްގެ ސްކޯލަރޝިޕް ހިމެނޭކަމަށް ފާހަގަކުރައްވާ،
މިނިސްޓަރު ވިދާޅުވީ ދައުލަތުން ހުރިހާ ހަރަދެއް ކުރާ ސްކޯލަރޝިޕްތައް ހިމެނޭއިރު، އެކުވެރި ގައުމުތަކުން ދޫކުރާ ސްކޯލަރޝިޕްތައްވެސް ހިމެނޭކަމަށެވެ. ބައެއް ޔުނިވާސިޓީތަކުންނާއި، މަލްޓި ނެޝަނަލް އޭޖެންސީތަކުން ލިބޭ ސްކޯލަރޝިޕްތައްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. ދިވެހި ސަރުކާރުން ދޭ އެންމެ ފަހުރުވެރި ސްކޯލަރޝިޕްއަކީ ރައީސުލްޖުމްހުރިއްޔާ ދެއްވާ ހާއްސަ ސްކޯލަރޝިޕްކަމަށް ވިދާޅުވިއެވެ.
އެކިއެކި ސްކޯލަރޝިޕްތަކަށް މިހާ ހިސާބަށް 103 މިލިއަނަށްވުރެ ބޮޑު އަދަދެއް ހޭދަ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ބޭރު ފައިސާއިން ދޫކޮށްފައިވާ ފައިސާކަމަށް ވިދާޅުވިއެވެ.

