ބަންކަރިން ހިދުމަތުގެ ޕްރޮޖެކްޓުގެ ދެވަނަ ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމުގެ އިތުރަށް، ދާއިރާތައް އިތުރު ކުރުމުގެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެގޮތުން މެރިޓައިމްގެ ހިދުމަތް ފޯރުކޮށްދީ، އެކަމުގެ މަންފާ ގައުމަށް ހޯދައިދިނުމަށް ރައީސް މަސައްކަތް ކުރެއްވިކަމަށް ވަޖީހު ވިދާޅުވި އެވެ. ވަޖީހު ވިދާޅުވި ގޮތުގައި މިކަމުގައި އިސްރޯލެއް އަދާކުރަނީ އެމްޕީއެލް އެވެ.
ބަންކަރިންގެ ހިދުމަތް އޮފްޝޯކޮށް ފެށުނު ނަމެސް ހޯރަފުށި ފަޅު ހިއްކައިގެން އެތަނުގައި ބިން ހިއްކައި ބިމެއް އުފައްދައިގެން އެގަމުން ހިދުމަތް ދޭ ގޮތަށް ދެވަނަ ފޭސްއެއް ގާއިމު ކުރެވިގެން ދާނެކަމަށެވެ.
ވަޖީހު ވިދާޅުވީ މި ސަރަހައްދުގައި ފްރީ ޒޯނެއް ތަރައްގީކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާނެކަމަށާއި އޭގެ ސަބަބުން އިގްތިސާދަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ވަޖީހު ވިދާޅުވީ ލ. އަތޮޅުގައި ވެސް މެރިޓައިމްގެ ހިދުމަތް އިއުލާނުކޮށްފައިވާކަމަށާއި އައްޑޫގައި އޮތް ޕޯޓަށް ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އެމްޕީއެލް ހަރަދުކޮށްގެން ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި ޕޯޓު ހިންގަމުން އައީ ގެއްލުމުގައިކަމަށް ވަޖީހު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް އިގްތިސާދީ ކުރިއެރުންތަކެއް ގެނެސްދިނުން ކަމަށެވެ. ބަންކަރިންގެ މަސައްކަތް ފެށުނުތާ ހަ މަސް ދުވަހުގެ ތެރޭގައި އަމަލީ މަރުހަލާއާއި ހަމައަށް ދެވުމަކީ ލިބުނު ކާމިޔާބެއްކަން ޝިމާދު ފާހަގަކުރެއްވި އެވެ.
ބަންކަރިންގެ ހިދުމަތް ފެށުމަށް ރާއްޖެއަށް ގެނައީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ. ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތެވެ. ބޯޓު ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓު ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައި އަދި މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ހިދުމަތެކެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށިއްޖެނަމަ މިއީ އިޤްތިސޯދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

