ދިވެހިރާއްޖޭގައި މުޅިން އާ ސިނާއަތްތައް ތަރައްގީކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އަންނަ މަސައްކަތުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފިއެވެ.
ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބަންކަރިންގެ ހިދުމަތް ފައްޓަވައި ދެއްވީ ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ހަފްލާގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ދައުލަތުގެ އިސްވެރިން އަދި އެސްޓީއޯއާއި އެމްޕީއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލް އިހަވަންދިއްޕޮޅު ޒޯންގައި ބަންކަރިން އޮފްޝޯ ހިދުމަތް ދޭނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެ. އަދި ބަންކަރިންގ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އެސްޓީއޯ އެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރެވެ.
މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.
އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެ ވިޔަފާރީގެ ތެރެއިން 2009 އިން ފެށިގެން ޓޭންކަރ ހޭންޑްލިން މަސައްކަތް ކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި އެސްޓީއޯއާއި އެކު މި ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ 1 އިންސައްތައަށް ހިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެއެވެ.
އޮފްޝޯ ބަންކަރިންނަކީ އޭގެ ޒާތުގައި ހިދުމަތް ލިބުމުގައި ފަސޭހަކަން ހުންނަ ކަމަކަށްވުމުން މި ބިޒީ ލޭނުގައި މިފަދަ ހިދުމަތެއް ފަށައިގަތުމުން ރަނގަޅު މާކެޓްއެއް ހޯދޭނޭކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބަ އޮތެވެ.
އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:
- ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުން
- ޕްރޮވިޝަން އައި ޝިޕް ސްޓޯޜސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ
- ސާފު ބޯފެން ފޯރުކޮށްދިނުން
ހިދުމަތާއި ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކުރަން ކުރާ މަސައްކަތަށް ޝުކުރު އަދާކުރާކަމަށެވެ.
ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފަށާފައި ވަނީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުއެވެ.
މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީގުކޮށް، އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެކެވެ. އަދި މާޕޯލްގެ ގިނަ ޗެޕްޓާތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

