މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ތަރައްޤީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެމްޑީޕީގެ އަތުގައިކަމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 69 އިންސައްތަ ނިމިފައިވާކަމަށް މިހާރުގެ ސަރުކާރާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައި ވާތީ ޝާހިދު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރަކާއެކު ކަމަށެވެ. އަދި އެއަރޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަޙައްދީ މަރުކަޒަކަށް ވެގެންދާނެކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުގެ ވެސް ތަރައްގިގެ އައު ބާބު ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މުޅި ރާއްޖެ މިގޮތަށް ތަރައްގީ ކުރުމުގެ ތަސައްވަރެއް އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީއާއެކު، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ އާއި ހަވާލުކުރީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ މިދިޔަ އަހަރު އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
ޝާހިދު ވިދާޅުވީ އެމަސައްކަތުގައި ބައިވެރިވެ، ކުރެވުނު މަސައްކަތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.

