ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ މަސައްކަތް މި ދައުރުގައި ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ގއ. ވިލިގިނލީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރަން ފެށުމުމުން މިނިސްޓަރ ވިދާޅުވީ، އައިޑީ ކާޑާއި ޕާސްޕޯޓް ފަދަ މާލެއިން ލިބޭ ހިދުމަތްތައް ރަށްރަށުން ލިބޭނެ ގޮތް ހެދުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވާކަމަށެވެ. އަދި ގއ. ވިލިގިނލީގައި އައިޑީ ކާޑު ހަދަން ފެށުމަކީ އެކަމުގެ ހެއްކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ މަސައްކަތް މި ދައުރުގައި ފެށޭނެކަމަށެވެ. އަދި އެކަން ކުރުމަށް އަތޮޅުތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި އަދި އެކަމަަށް ގިނަ ކައުންސިލްތަކުން އެއްބާރުލުން ދެއްވައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބަުން ރަށްރަށުގެ ކައުންސިލުންނާއި ސަރުކާރާއި ގުޅުފައިވާކަން ހާމަވެގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އުފައްދާފައިވާކަމަށާއި އަދި ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮންމެ ތާކު ހުރެވެސް އައީޑީ ކާޑަށް ހުށައެޅޭނެ ގޮތް ޑީއެންއާރުގެ ހާއްސަ ޕޯޓަލް ”ނާރެސް“ ވަނީ ހަމަޖައްސައިފައެވެ. ”ނާރެސް“ މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑުގެ ސްޓޭޓަސް ބެލުމާއި އައިޑީ ކާޑު ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

