ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 9011 ގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 2024 ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެއައި އެއަރކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖެއް އަދި 2024 ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއަރލައިންސް ފްލައިޓް ނަންބަރު UL103 އިން ދަތުރުކުރި 65 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ 4 ބާވަތަކަށް ޕޮޒިޓިވްވެފައިވެއެވެ.
- ފްލައިޓް UL103: ހެރޮއިން 349 ގުރާމް
- ޕޯސްޓު: ސިންތެޓިކް ކެތިނޯން 582 ގުރާމް
- އެއަރ ކާގޯ: ކެނަބިސް 5210 ގުރާމް، އެކްސްޓަސީ 2870
މިއާއިއެކު ޖުމްލަ މަސްތުވާތަކެތީގެ ބަރުދަނުގައި 9011 ގުރާމު ހުރިކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްގީގްކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައި ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

