ދިވެހިރާއްޖެއަށް އެންމެ ފައިދާ ކުރާނީ ބައިނަލް އަޤްވާމީ ދުނިޔެ އާއި ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ރައީސް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަށް އެންމެ ފައިދާ ކުރާނީ ބައިނަލް އަޤްވާމީ ދުނިޔެ އާއި ގުޅިގެން ކަމަށާއި އަދި ރާއްޖެއަށް ފައިދާހުރި އެކި މަސައްކަތް ކޮށްދެއްވާނެ ފަރާތްތަކާއި މަޝްވަރާކުރެވިގެން ކަމަށެވެ.
ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސް ދަނޑިވަޅެއްގައި އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިއީ ތަމްސީލު ކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އެކިއެކި ބައްދަލުވުން ތަކުގައި ރާއްޖޭގެ ބަސް އިއްވާނަން އިރާދަކުރެއްވިއްޔާ ހަމަ މުހިންމު ހުރިހާ މަކެއްގައި، ޤައުމަށް މުހިންމު ކަންކަމުގައި އެގޮތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިެވހިރާއްޖެއަށް އެންމެ ފައިދާ ވަނީ ބައިނަލް އަޤްވާމީ ދުނިޔެ އާއި ގުޅި ލާމެހުނު ވަރަކަށް.
އ.ދ. ގެ ޢާންމު މަޖިލީހުގައި ރާއްޖެއަށް ބޭނުުންވެފައިވާ މުހިންމު ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ތިމާވެއްޓައި ގުޅޭ ކަންކަމާއި އަދި ޓެކްނޮލޮޖީއާއި ގުޅޭ ކަންކަމާއި އަދި އެކިއެކި ތަރައްޤީ އާއި ގުޅޭ ކަންކަމުގެ ވާހަކަތައް ހިމެނިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މުސްތަޤުބަލުގާއި ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތް ހާމަ ކޮށްދީ، އެ މަސައްކަތް ކުރުމަށް އެހީ ތެރިކަން ހޯދައްވާނެކަމަށް ވިދާޅުވެފެވެ.
އެމަނިކުފާނު ވިދާޅުވީ، އ.ދ. ގެ އެކި އެކި ޖަމިއްޔާތުގެ އެހީތެރިކަމާއި އެކި އެކި ޤައުމުތަކުގެ އެހީތެރިކަން ހޯދުމުގައި އ.ދ ގެ އޯޑިއަންސް ލިބިގަތުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ގިނަ މަސައްކަތުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ގިނަ ވާހަކަތަކެއް އެ މަޖިލިހުގައި ތަމްސީލު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އ.ދ އަށް ކުރައްވަމުންގެންދާ ދަތުރުފުޅު ވެގެންދާނީ ރައްޔިތުންނަށް ފައިދާ ކުރާނެ ދަތުރުފުޅެއް ކަމަށާއި އެކަމުގެ ފައިދާ ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެ ކަމަށެވެ.

