ރިސޯޓުތަކުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް، ގަވާއިދަށް މުހިންމު އިޞްލާޙުތަކެއް ޓުއަރިޒަމް މިނިސްޓްރީން ގެނެސްފިއެވެ.
މި އިޞްލާޙުތަކުގެ ދަށުން، ހިންގަމުންދާ ރިސޯޓެއް ފެންވަރު މަތިކުރުމަށްޓަކައި މުޅި ތަން ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި، ކުލި ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދާނެއެވެ.
ކުރީގެ ގަވާއިދުގައި ވާގޮތުން، މަރާމާތުކުރުމަށް ރިސޯޓެއް ބަންދުކުރެވޭނީ ގިނަވެގެން 36 މަސް މަސްދުވަހަށެވެ. ނަމަވެސް، މުޅި ތަން އަލުން ތަރައްޤީކުރާނަމަ، 42 މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި މުއްދަތު ހަމަވާއިރު ރިސޯޓު ހިންގަން ފަށާފައި ނުވާނަމަ، މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި، ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަމުގެ އިޤްރާރެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
މިފަދަ އިޤްރާރެއް ހުށަހެޅުމުން، މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް، އިޤްރާރާ ޚިލާފަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވިއްޖެނަމަ، ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރުމުގެ އިޚްތިޔާރުވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި އިޞްލާޙު ކުރެވުނު ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ އެކުގައެވެ.

