ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން ހުރި މިންވަރު 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އ.ދ.ގެ 79 ވަނަ އާންމު ޖަލްސާގެ ހަވާސާގައި ”ރިނިއުވަބަލް އެނަރޖީ ޓްރާންޒިޝަން ފޮރ ރެޒިލިއަންޓް ސިޑްސް: ދަ މޯލްޑިވްސް ސްޓޯރީ“ ގެ ނަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ބޭއްވި ސައިޑް އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ކީނޯޓް ސްޕީކަރގެ ހައިސިއްޔަތުން ވަނީ ތަގުރީރުކުރައްވާފައެވެ. ނިއު ޔޯކްގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބޭއްވި މި ސައިޑް އިވެންޓް އިންތިޒާމްކޮށްފައިވަނީ ވޯލްޑް ބޭންކާ ގުޅިގެންނެވެ.
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން އިތުރުވެފައިވާ ކަމަށާއި އަދި ސްޕެޝަލް އިކޮނޮމިކް ޒޯންސް އެކްޓްގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކަށް ރައީސް ވަނީ އަލިއަޅުވާ ލައްވާފައެވެ. އެގޮތުން 2024 ގެ ކުރީކޮޅުގައި މި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ހިންގަން ނިންމާފައިވާ ފްލޯޓިން ސޯލާ ޕެނަލް މަޝްރޫއު ފާހަގަކުރައްވާ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ސާފު ހަކަތަ އުފެއްދުމަށް ހުރި ޕޮޓެންޝަލް ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ދިވެހިރާއްޖެއިން އިޔާދަކުރަނިވި ހަކަތަޔަށް ވާސިލްވުމަށް ކުރާ މަސައްކަތަކީ ހަގީގަތުގައި ވިލުންވެރިކަމުގެ ވާހަކައެއް ކަމުގައި ފާހަގަކުރައްވަމުންނެވެ.
މި ސައިޑް އިވެންޓް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް އެންވައިރޮމެންޓު ތޯރިގު އިބްރާހީމެވެ. މިނިސްޓަރ ތޯރިގުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިސްބަތް 33 އިންސައްތައަށް އިތުރުކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ޢަމާޒަށް ވާސިލްވުމުގައި ރާއްޖެއިން ޙާސިލްކޮށްފައިވާ ކުރިއެރުންތަކާއި އެކަމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ވުދާޅުވެފައެވެ. އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިންވެސްޓުކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ތަފާތު ފުރުޞަތުތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ސައިޑް އިވެންޓުގައި އ.ދ.ގެ ޑިޕާޓްމަންޓް އޮފް އެކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޑެސާ) ގެ ޓީމް ލީޑަރ (ސަސްޓެއިނަބްލް އެނަރޖީ) ޑރ. މިނޯރޫ ޓަކާޑާ މޮޑަރޭޓްކުރެއްވި ހައި-ލެވެލް ޕެނަލް ޑިސްކަޝަނެއްވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ތޯރިގުގެ އިތުރުން، އިންޓަރނޭޝަނަލް ރިނުވަބްލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ ޑިރެކްޓަރ ޖެނެރަލް ފްރާންޗެސްކޯ ލާ ކަމެރާއާއި، ވަރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ފޮރ އިންފްރާސްޓްރަކްޗަރ ގުއަންޖޭ ޗެންއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ފޮރ ސެކްޓަރ އެންޑް ތީމްސް ފާތިމާ ޔާސްމީނާއި، ޔޫ.އެން.ޑީ.ޕީ. ގެ އެސިސްޓަންޓް ސެކްރެޓަރީ-ޖެނެރަލް އަދި އޭޝިއާ އާއި ޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަރ ކައްނީ ވިގްނަރާޖާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރ ކެޕިޓަލް އާއި ފަންނުވެރިކަން ލިބިގަންނާނެ ގޮތުގެ މައްޗަށެވެ. ޕެނަލް ޑިސްކަޝަންގެ އިތުރުން މި އިވެންޓުގައި އިޔާދަކުރަނިވި ހަކަތަޔަށް ފުރިހަމައަށް ވާސިލްވުމަށް ރާއްޖެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތާ ބެހޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ.

