ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ތިން ވަނަ ފަހަރަށް ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.
ދިރާގުން ބުނެފައިވަނީ ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2024 ގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަނެއްކާ ވެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނާއެކު މަސައްކަތް ކުރަން ލިބުނުކަމީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސް މެނޭޖަރު ނައިޔާ ޝަރީފް ވިދާޅުވީ ދިރާގުގެ ބޭނުމަކީ ރާއްޖޭގެ އެތުލީޓުންނަށް ހުނަރު ދައްކާލެވޭ އިތުރު ތަޖުރިބާތައް ހޯދައިދެވޭނެ ޕްލެޓްފޯމެއް އުފެއްދުމަށް އެހީތެރިވުން ކަމުގައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގުގެ މެޗުތައް ބާއްވާއިރު، މިއީ ދެވަނަ މުބާރާތެވެ. މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރޫނޫ ޝިކާރާ ބޮޑީބޯޑިން ޗެލެންޖް 2024 އަށް މި ސަރަހައްދުގެ ބޮޑީބޯޑަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގަށް ފޮނުއްވި މެސެޖެއްގައި އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވަނީ ރާއްޖޭގައި ބޮޑީބޯޑިން މަޝްހޫރު ކުޅިވަރަކަށް ހެދުމަށް އެ ކުންފުނިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ސެޕްޓެމްބަރު 30 އިން 5 އޮކްޓޯބަރަށް، މާލޭ ވަރުނުލާ ރާޅުގަނޑުގައި ލަބަރާ ބޮޑީބޯޑިން ޗެލެންޖް 2024 ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއިއެކު ދިރާގުން އަބަދުވެސް ކުޅިވަރާއި މުނިފޫހިފިލުވުމަށް ލޯބިކުރާ މީހުން އެއްތަނަކަށް ގެނެސް އާ ފުރުސަތުތަކެއް ހޯދައިދޭ ކަމަށާއ، މިފަދަ އިވެންޓްތަކަށް އަބަދުވެސް ސަޕޯޓް ދިނުމަށް ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފައެވެ.

