ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނެފައި ވަނީ، ފުލުހުން ތުރުކީ، ސިންގަޕޫރު އަދި އެމިރޭޓްސްގައި ހާއްސަ ތަމްރީނުތަކެއް، އެ ޕްރޮގްރާމަކަށް ހޮވިފައިވާ ފުލުހުން ފުރިހަމަކުރާނެ ކަމަަށެވެ. މި ތަމްރީންތަކަކީ ގާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެކެވެ.
ތުރުކީގައި ތަމްރީނު ފުރިހަމަކުރުމަށް ހޮވުނީ 10 ފުލުހުންނެވެ. މި ފުލުހުން ފުރާފައި ވަނީ ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމެވެ.

އޮކްޓޯބަރު 7 އިން 2026 ސެޕްޓެންބަރު 30 އަށް ހިންގޭ ފަސްޓް ސްޓޭޖް ސުޕަވައިޒަރ ތަމްރީނު އަދި ނޮން-ތީސިސް މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާފައި ވަނީ ސާޖަންޓް މުޙައްމަދު އަފްރާޙް، ސާޖަންޓް ޢާއިޝަތު ރަފްޝާ، ސާޖަންޓް އަޙްމަދު އަމީން ރަޝީދު، ސާޖަންޓް މުޙައްމަދު މިފްރާޙް އަދި ކޮންސްޓަބަލް ފާޠިމަތު ހަމްލާ ބައިވެރިވާނެއެވެ.
ދެ އަހަރުގެ މި ޕްރޮގްރާމްގައި ހިމެނެނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކާއި، އިންސާނީ ހައްގުތަކާއި ފުލުހުންގެ މަސައްކަތް، ޓެރަރިޒަމް، ފުލުހުންގެ ލީޑަރޝިޕް އަދި ސެކިއުރިޓީ މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ހިމެނޭ މާސްޓަރސް ލެވެލްގެ މުގައްރަރެކެވެ.
މީގެ އިތުރުން، ބައިވެރިން ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު އަދި ޓެކްޓިކަލް ތަމްރީނުތައް ވެސް ފުރިހަމަކުރާނެއެވެ.
މީގެ އިތުރުން، 2024 އޮކްޓޯބަރު 7 އިން 2029 ސެޕްޓެންބަރު 30 އަށް ހިންގޭ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމް (ބެޗްލަރސް) ގައި ބައިވެރިވުމަށް ފަސް ފުލުހަކު ވަނީ ފުރާފައެވެ. ކޮންސްޓަބަލް އަޒާން އަޙްމަދު، ކޮންސްޓަބަލް ޙަސަން އަނަސް ނާފިޒު، ކޮންސްޓަބަލް އިންޝާ އިސްމާޢީލް ޖިހާދު، ކޮންސްޓަބަލް އިބްރާހީމް ޞަލާޙް އަދި ކޮންސްޓަބަލް ޙުސައިން ޔާސިރު މި ތަމްރީނު ފަށާނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކުންނެވެ. އޭގެ ފަހުން ގާނޫނު، ސިޔާސަތު، މެނޭޖްމަންޓް އަދި ކްރިމިނޮލޮޖީ ފަދަ މާއްދާތައް ހިމެނޭ ބެޗްލަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނެއެވެ. މާސްޓަރސް ޕްރޮގްރާމްގެ ބައިވެރިންނެކޭ އެއްފަދައިން، މި ފުލުހުން ވެސް ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު އަދި ޓެކްޓިކަލް ތަމްރީނުތައް ފުރިހަމަކުރާނެއެވެ.
މީގެ އިތުރުން ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ތައުސީފް އަދި ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ފަތުޙީ ވަނީ ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގާ ސީނިއަރ އޮފިސަރުންގެ އަސާސީ ކޯހުގައި ބައިވެރި ވުމަށް ފުރާފައެވެ. މިއަދުން ފެށިގެން ޖޫން 30 އަށް ހިންގޭ 10 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި ޓެކްޓިކަލް ހުނަރުތައް އިތުރުކުރުމަށެވެ. މި ރެސިޑެންޝަލް ކޯހުގައި ހިމެނެނީ ފުލުހުންގެ ޑިފެންސް ޓެކްޓިކްސް، ފިޒިކަލް ޓްރޭނިންގ، ގާނޫނު އަދި ލީޑަރޝިޕް މާއްދާ ތަކެވެ. މީގެ އިތުރުން ބޭރު އެހެން ގައުމެއްގައި ކުރިއަށްދާ ބައެއް ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.
ތުރުކީއާއި ސިންގަޕޫރަށް ގޮސްފައިވާ އޮފިސަރުންގެ އިތުރުން، ކޮންސްޓަބަލް ޢާއިޝަތު ޒޫނާ މުޙައްމަދު ވަނީ އަބޫދާބީ، ޔޫއޭއީގައި ހިންގޭ ޕޮލިސް އެކަޑަމީ އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރައިފައެވެ. ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީއާ ގުޅިގެން އަބޫދާބީ ޕޮލިސް ކޮލެޖުން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޯބަރު 01 އިން ޖަނަވަރީ 31 އަށެވެ.
މި ހަތަރު މަސްދުވަހުގެ ރެސިޑެންޝަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ހިމެނެނީ ފިޒިކަލް ޓްރޭނިންގ އާއި، މަރޗިންގ ޑްރިލްސް، ފުލުހުންގެ މަސައްކަތުގެ އަމަލީ ތަމްރީނުތައް އަދި އިލްމީ ދިރާސާތަކެވެ.

