ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ ރޭ 12 (1 އޮކްޓޫބަރު 2024، 00:00) އިން ފެށިގެން ކަމަށާއި މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ. މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެ ކުންފުނިން ވާނީ 1545ގެ ގޮތުގައި ހޮޓްލައިނެއް ތައާރަފްކޮށްފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށެވެ. އަދި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައި ވާކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުކުރެއްވި އިރު އެއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއްކަމަށެވެ. އެމްޑީ ވިދާޅުވީ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް ކަމަށެވެ.

