ޕްރޮސެކިއުޓަރ ޖެނެރަލް އަށް ރަސްމީކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 20 ދުވަހަށް ހުޅުވާލައިފިއެވެ.
ޕީޖީ އައްބާސް މަގާމާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނިމިދިޔަ ތިން ހަފްތާ ތެރޭގައި ގިނަ މީހުން އީމެއިލް މެދުވެރިކޮށާއި، ސިޓީ މެދުވެރިކޮށާއި އަދި ފޯނުނއގުޅައި އެސްއެމްއެސްގެ ޒަރީއާއިންވެސް ޝަކުވާ ހުށައަޅަމުންދާ ކަމަށެވެ. އެހެންކަމުން ގިނަ ޝަކުވާތައް ލިބެމުންދާތީ ރަސްމީކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވަނީ ވުދާޅުވެފައެވެ.
އައްބާސް ވިދާޅުވީ ޕީޖީގެ ވެބްސައިޓު މެދުވެރުކޮށްވެސް ޝަކުވާ ހުށައެޅޭނެ ކަމަށާއި ކޮންމެ ރަށެއްގެ ޕީޖީ އޮފީހަށް ދިޔަޔަސް ޝަކުވާ ހުށައެޅޭނެ ކަމަށެވެ. އަދި ޝަކުވާ ލިބުމުން ޕީޖީވެސް ހިމެނޭ ގޮތަށް ޓީމެއް ނަގައިގެން ހުރިހާ މައްސަލަތައް ވަކިކިން ދިރާސާކޮށް ބަލައި ގޮތެއް ނިންމާނެ ކަމަށެވެ.
ޝަކުވާ ހުށައަޅާއިރު މައްސަލައިގެ ތަފްސީލު އެނގޭގޮތަށް ހުށަހަޅައިފިދިނުމަށް އައްބާސަވަނީ އެދިވަޑައިގެންފައެވެ. އަދި އެއްވެސް މައްސައަކާއި ގުޅިގެން ކުރިން ޕީޖީން ނިންމާފައިވާ ނިންމުމެއް ބަދަލުކުރާނަމް އެ ބަދަލު ގެންނަން ނިންމި ސަބަބު ރައްޔިތުންނަށް ހާމަކުރާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
މީގެއިތުރުން ޕްރޮސެކިއުޝަން މައްސަލަތަކުގައި ކަންތައްތައް ވަރަށް ތަރުތީބުން ހިނގާނެ ގޮތަކަށް ސިސްޓަމެއް އެ އޮފީހުގައި ހެދިފައި އޮތްކަން އައްބާސް ވަނީ ފާހަގަކުރައްވާފައެވެ. މިދިޔަ ތިން ހަފްތާގައި ކުރެވުނު މަސައްކަތަށް ބިނާކޮށް އައްބާސް ވިދާޅުވީ އެތަނުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނާއި ޤާއިމުކޮށްފައިވާ ސިސްޓަމަށް އިތުބާރު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ރަނގަޅުކުރަން ޖެހޭ ބައެއް ކަންތައްތައް ހުރިކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ މިހާރު ޕީޖީގައި ބޭނުން ކުރަމުން އަންނަ ސިސްޓަމަކީ ކުރިން ތިއްބެވި ބޭފުޅުންނަށް ކަމުދާ ސިސްޓަމު ކަމަށާއި އެ ސިސްޓަމަށް ބަދަލު ގެންނާނެ ކަމަށެވެ.
”އޮފީހުގެ އެތެރޭގެ ސިސްޓަމަށްވެސް ބަދަލުތަކެއް އަންނާނެ، އެބަދަލުތައްވެސް ރަނގަޅަށް ދިރާސާކޮށް ބެލުމަށްފަހު ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް އޮތިއްޔާ އެ ބަދަލެއް ގެންނާނަން.“
އަދި ކަންތައްތައް ހިނގަމުންދާ ގޮތް ދިރާސާ ކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެނެވެންދެން މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ސިސްޓަމު ކުރިޔަށް ގެންދާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

