އާންމު މަސްލަހަތާއި ގުޅުން ހުރި އެކި މައްސަލަތައް ކުރިޔަށް ނުގެންދާކަމުގެ ތުހުމަތު ކުރުމަށް ފަހު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކި ކުރި ނަމަވެސް އެ މައްސަލަތައް ވަކިން ނަގައި ރިވިއު ކުރުމުގެ ވިސްނުމެއް ނެތްކަމަށް ޕީޖީ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކި ކުރުމަށް ސަރުކާރުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އާންމު މަސްލަހަތާއި ގުޅިފައިވާ ބޮޑެތި މައްސަލަތަކަށް އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށެވެ. ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅައި ދައުވާ ކުރުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނަގައި މަންފާ ހޯއްދެވިކަމަށް ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ކުރި ތުހުމަތުތައް އަދި ހުޅުމަލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރިކަމުގެ މައްސަލަ ހިމެނެ އެވެ.
މަގާމާއި ހަވާލުވެ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ، ކޯޓުގައި ހިނގާ ވަކިވަކި މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ދޭން ބޭނުން ނުވާކަމަށެވެ. އަދި ނޫސްވެރިން ވެސް އެފަދަ ދާއިރާތަކުގެ ތެރެއިން ސުވާލު ނުކޮށް އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް އެދިވަޑައިގެތެވެ.
އައްބާސް މަގާމަށް ގެނައީ، ވަކިވަކި މައްސަލަތަކެއް ކުރިޔަށް ނުގެންދާތީ ޕީޖީ ވަކި ކުރުމަށްފަހުކަމާއި އެ ތުހުމަތުތައް ރިވިއު ކުރުމުގެ ވިސްނުން ގެންގުޅުއްވަން ތޯ ސުވާލު ކުރުމުން އައްބާސް ވިދާޅުވީ ޝަމީމްގެ ނިންތަކަށް ފޯކަސްކޮށްގެން އެކަމެއް ބަދަލު ކުރުމަށް އަމާޒު ހިފަން ބޭނުން ނުވާކަމަށެވެ. އަދި އެ މައްސަލަތަކަށް ބަލައި، ރިވިއު ކުރުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރު ވެސް މަޖިލީހުގައި ބައެއް މައްސަލަތާކާއި ގުޅޭގޮތުން ވާހަކަ ދެއްކެވިކަން.. އެއީ ކުރީގެ ޕީޖީ މަގާމުން ވަކި ކުރަން އެބޭފުޅުން، ނިންމެވި ރީޒަންކަން ވެސް… އެކަމަކު ވިސްނުމުގައި ނެތް އަމިއްލައަށް އިސް ނަގައި ރިވިއު ކުރާކަށް
މަޖިލީހުގައި އިންޓަވިއުގައި ވެސް ބައެއް މެމްބަރުން އެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވިކަން ފާހަގަކުރައްވައި އައްބާސް ވިދަޅުވީ، އަމިއްލަ އިސް ނެގުމަށް އެފަދަ ފިޔަވަޅެއް އެޅުމަށް ބޭނުން ނުވާކަމަށެވެ. އެހެން ނަމަވެސް މަގާމާއި ހަވާލުވި ފަހުން ގިނަ ޝަކުވާތައް ލިބެމުންދާތީ 20 ދުވަހުގެ މުއްދަތެއް ދީ މައްސަލަ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު އެ ނިޒާމުގެ ތެރެއިން އެ މައްސަލައެއް ހުށަހެޅިދާނެކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ޝަކުވާއެއްގެ މައްޗަށް ބިނާކޮށް، ނުވަތަ އެ އޮފީހުގެ ނިންމުމެއް ބަދަލު ކުރާއިރު އެކަން ރައްޔިތުންނަށް ސާފުކޮށްދޭނެ ކަމަށެވެ. އަދި މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުތައް ދޭން ބޭނުންވާ ގޮތަކީ ވެސް އެއީކަމަށް ވިދާޅުވި އެވެ.

