އިންޓަނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ“ ސްޓްރިޕް މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ބުނީ މައްސަލައަށް ތަދައްހުލުވުމަށް ހުށަހަޅަން ޖެހޭ ”ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން“ މައްސަލައަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަހުމަދު އުޝާމްގެ ފަރާތުން އައިސީޖޭއަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައި ވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފު ޢަމަލުތަކެއްކަމަށެވެ.
ދިވެހިރާއްޖެއިން ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ”އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް“ އަދި ”ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ. އަދި އެގޮތުން، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އ.ދ. ގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގައި ޔަޤީންކަން އަރުވަމެވެ.

