ދިވެހިރާއްޖެއިން އަބަދުވެސް އިންސާނިއްޔަތާއި، ސުލްހައާއި އަދުލު އިންސާފަށް އެއްބާރުލުންދީ، ފަލަސްތީނުގެ ރައްޔިތުންނާއި އެކު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުއްޓުމެއް ނެތި އިޒްރޭލުން ހިންގަމުންދާ ޓެރަރިސްޓު އަމަލުތައް ހުއްޓުވައި، އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ގޮވާލައްވާފައި ވަނީ އިޒްރޭލުން ގަތުލު އާންމެއް ހިންގާކަމަށް އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައަށް ރާއްޖެ ތަދަޚުލުވުމަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އައިސީޖޭގައި ކުރިއަށްދާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ“ ސްޓްރިޕް މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަން ޖެހޭ ”ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން“ ފޮނުވާފައި ވަނީ މިއަދު އެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ”އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް“ އަދި “ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ. އަދި އިޒްރޭލުން ހިންގަމުން ދާ ޖަރީމާ ހުއްޓުވުމަށް، އިޒްރޭލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވުމަށް ނިންމެވީކަމަށް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އިޒްރޭލު ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ.

