ވިނަރެސްގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވިނަރެސް އިމާރާތުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރުމުގެ އުސޫލު އެކުލަވާލައި އަމަލު ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމު ކުރި އިއުލާނެއްގައެވެ. މިމަހުގެ 3 ވަނަ ދުވަހު ވަނީ މި އުސޫލަށް އަމަލު ކުރަން ފަށާފައެވެ.
ފްލެޓް ހަވާލުކުރެވޭއިރު، ކޮންމެ ފްލެޓަކަށް ދިނުމަށް ހަމަޖެހިފައިވަނީ 5 ޓެގެވެ. އަދި ވެރި ފަރާތުން އެދިއްޖެނަމަ ފީ ދެއްކުމުން އިތުރު ދެ ޓެގު ލިބޭނެކަމަށް އެޗްޑީސީއިން ބުންޏެވެ. އެހެންކަމުން ކޮންމެ ފްލެޓަކަށްވެސް އެއްވަގުތެއްގައި ބޭނުން ކުރެވޭނީ 7 ޓެގެވެ.
މި ޓެގުތައް ގެންގުޅެވެނީ ނީ ފްލެޓުގެ ވެރިފަރާތް ނުވަތަ ދިރިއުޅޭ ފަރާތްކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި އިމާރާތުގައި ދިރިނޫޅޭ މީހުން ޓެގް ގެންގުޅުމަކީ މަނާކަމެއްްކަމަށާއި، ޓެގް ގެއްލިގެން ނުވަތަ ބްލޮކްކޮށްގެން އާ ޓެގެއް ހައްދަން ބޭނުން ނުވަމަ 150 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެކަމަށް އެޗްޑީސީއިން ބުންޏެވެ.
އެޗްޑީސީގެ ހުއްދައަކާއި ނުލައި، ޓެގު ނަކަލު ކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައިވާއިރު، އެފަދަ ކަމެއް ކުރިކަން އެނގިއްޖެނަމަ، ފްލެޓުގެ ވެރިފަރާތް 5،000 ރުފިޔާއާއި 10،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް އެޗްޑީސީއިން ބުންޏެވެ.

