ކޯޓުތަކާއި ބެހޭ ގާނޫނުގެ ދަށުން މަރުގެ މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓު ކޯޓުތަކަށް ނޯންނާނެތީ، ހުޅުމާލޭގެ އެކްސިޑެންޓުގައި މީހަކު މަރުވުމުން ބަންދާއި މެދު ގޮތެއް ނިންމުމުގެ ބާރު ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ނޯންނާނެ ދިފާއުން ބުނެފި އެވެ.
މިއީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި، ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން ހުރި މީހާ ބަންދުކުރި މައްސަލަ އެވެ.
މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ހަސަން ސަމާހު ވަނީ ނިޔާވެފަ އެވެ. އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މުހައްމަދު ވިސާމް ސިދުގީ ހައްޔަރުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ހުޅުމާލެ ކޯޓުން ނެރުނު އެ އަމުރު ވިސާމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައި ބުނެފައި ވަނީ، ކާރު ދުއްވާފައި ވަނީ ބާރު ސްޕީޑުގައި ނޫންކަމަށާއި ހާދިސާ ހިނގީ ވަންވޭ ފަޅާލައި ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށެވެ.
ވިސާމް ބަންދު ކުރީ ފުލުހުން އޭރު ދިން މައުލޫމާތުތަކުގެ މައްޗަށްކަމަށާއި، ސަމާހު ސައިކަލުގައި ދިޔައީ ވަންވޭއާއި ދެކޮޅަށްކަން ބާރު ލިބޭ ހެކިތައް ވެސް އެބަހުރިކަމަށް ބުނެފައި ވެއެވެ.
މި މައްސަލައިގައި ވިސާމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ކޯޓުތަކާއި ބެހޭ ގާނޫނުގެ ދަށުން މަރުގެ މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓު ކޯޓުތަކަށް ނޯންނާނެ ކަމަށެވެ. އެހެންކަމުން ވިސާމްގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ބާރު، ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ނުލިބޭނެކަމަށް ނޫރު ވިދާޅުވި އެވެ.
މައްސަލައިގައި ވަކީލު އެދިފައި ވަނީ، ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ބާރަކުން ބަންދު އަމުރެއް ނެރެފައިވާތީ އެ ނިންމުން ބާތިލުކޮށް ސަމާހު ދޫކޮށްލުމަށެވެ.
ސަމާހު ސައިކަލު ދުއްވީ ވަންވޭއާއި ދެކޮޅަށްކަމަށް، ބުނާތީ އެކަމުގެ ރައްދުގައި ދައުލަތުން ބުނީ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ކާރު ދުއްވުމުންކަމަށާއި، ސައިކަލު ދުއްވާފައި ވަނީ ވަންވޭއާއި ދެކޮޅަށްކަމަށް ފާހަގަނުވާކަމަށެވެ. އަދި ވިސާމަކީ ލައިސެންސް ނެތި ދުއްވުމުގެ މައްސަލައިގައި އެކި ފަހަރު މަތީން ހިފަހައްޓާފައިވާ މީހެއްކަމަށް ވެސް ދައުލަތުން ބުންޏެވެ.
ހުޅުމާލެ ކޯޓަށް މި މައްސަލައިގައި ބަންދު އަމުރު ނުނެރެވޭނެކަމަށް ބުނާ ނުކުތާގެ ރައްދުގައި ދައުލަތުން ބުނީ، ގާނޫނުގައި އޮތީ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރު ކުރަން ޖެހޭނީ އެ މީހަކު ހައްޔަރު ކުރި ރަށެއްގައި ހުރި ކޯޓަކަށް ކަމަށެވެ. އެހެންކަމުން ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ވިސާމް ހާޒިރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމުގައި ގޯހެއް ނެތްކަމަށް ބުންޏެވެ.
މި މައްސަލައިގައި ސާފު ކުރަން ޖެހޭ އިތުރުކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.

