އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކުރައްވައިގެން ސަނަދު ހާސިލުކުރެއްވި 28 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވައިފިއެވެ.
އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި ރައީސް ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ދިވެހި މުޖުތަމަޢަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނު ވަނީ ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ވެސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮގު ހެދުމާއި ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ދަޢުލަތާއި ސަރުކާރުގެ އިސްވެރިންވެސް މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސް ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

