ބީއެމްއެލްއިން ކ ގާފަރުގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިންދަނީ މުޅި ރާއްޖޭގައިވެސް ބެންކިންގް ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މަސައްކަތްތައް ކުރަމުންކަމަށެވެ.
އެގޮތުން ކ ގާފަރުގައި ފެށިފައިވާ ސެލްފް ސާވިސް ބެންކިންގް އޭޓިއެމް ސެންޓެއް ހުޅުވައި ހިދުމަތް ދޭން ފެށިފައިވާކަމަށާއި މި އޭޓިއެމް މެދުވެިރކޮށް އަމިއްލަ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށްވެސް ފައިސާ ނެގޭނެކަމަށެވެ.
ބެންކުން ބުނެފައިވާގޮތުން ގާފަރުގައި ގާއިމުކުރި އޭޓިއެމް މެދުވެރިކޮށް ޖަމާކުރުމުގެ އިތުރުން ބިލުތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބެންކް އައިޝަތު ނޫރައްދީން ވިދާޅުވީ، ހުޅުވިފައިވާ ސެލްފް ސާވިސް ސެންޓަރަކީ ކަސްޓަމަރުންނަށް ބޭނުންވާ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ މިސާލެއްކަމަށެވެ. އަދި ގާފަރުގައި ފެށިފައިވާ ހިދުމަތްތަކާއިއެކު ކާށިދޫ އަދި މާފުށީގައި ގާއިމުކޮށްފައިވާ ބްރާންޗުތަކުގެ އިތުރުން އެ އަތޮޅުގައި މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި އެއްފަދަ އޭޓިއެމް ސެންޓަރުތަކެއް ގާއިމުކުރެވިފައިވާކަމަށެވެ.

