ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ”ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް“ ގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެހޭނީ، ފޯމެއް ފުރައި ހުށައެޅުމަށްކަމަށް ބީސީސީއިން ކުރި އިއުލާނެއްގައި ބުންޏެވެ.
”ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް“ގެ ތެރެއިން ފުރުސަތު ހުޅުވާލެވޭ ދާއިރާތަކަކީ:
- ފިލްމް އުފެއްދުން
- މިއުޒިކް އުފެއްދުން
- އާރޓް އެންޑް ކްރާފްޓް
- ކޮންޓެންޓް ކްރިއޭޝަން
މި ލޯނަށް އެދި ހުށައެޅެނީ، ކުދި ގިންތީގެ ތެރޭގައި ހިމެނޭ، ސައްތަ އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށެވެ. އަދި އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވާން ޖެހެއެވެ.
މި ސްކީމުގެ ތެރޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ތެރެއިންވެސް ލޯނަށް އެދި ކޮންމެ ފަރާތަކަށްވެސް ހުށައެޅެނީ އެއް ފޯމެވެ. މި ލޯނުގެ ދަށުން 50,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
ލޯނުގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ބީސީސީއިން ދޭ އިންކިއުބޭޝަންގެ ހިދުމަތުގައި ބައިވެރިވުން ވަނީ ލާޒިމްކޮށްފައެވެ.
މި ޚިދުމަތް ދިނުމަށް، މާލީ އެހީތެރިކަން ފޯރުކޮށްދޭ އަދަދުގެ 5 އިންސައްތަ އިންކިއުބޭޝަން ފީގެ ގޮތުގައި ނަގާ ގޮތަށް ހަމަޖެހިފައިވާއިރު، ފައިސާ އަނބުރާ ދައްކާނެ ގޮތުގެ ތާވަލު ހިސާބުކުރާނެ ގޮތް އެޕްލިކޭޝަނާއެކު ހިމަނަންޖެހެއެވެ.

