އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ފަރުމާކުރެވިފައި އޮންނަންޖެހޭނީ މުޖުތަމަޢުގެ އެންމެ ނިކަމެތި ރައްޔިތުން ރައްކާތެރިކޮށްދޭ ގޮތަށްކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަސާސީ ހިޛުމަތްތައް ދޭންޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެފަދަ ގޮތަކަކަށްކަމަށެވެ. ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެއްޖެނަމަ، އެ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެކަހެރިވުމާއި، އެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ނިޒާމުގެ ބޭނުންނެތި ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އިޖުތިމާއީ ނިޒާމުގެތެރެއިން ކްރަޕްޝަންގެ އަމުލުތައް އެކި ގޮތްގޮތަށް ހިންގައިފައި އެބަހުރިކަމަށެވެ. އެ ކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެންލުންތަކެއް ލިބި، އާންމު ގިނަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުރިކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން މުޅިން އެއްކިބާވެފައި އޮންނަ ނިޒާމަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަދަން ޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު ހިންގާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ގޮތް ހަދަން ޖެހޭކަމަށެވެ. މީގެއިތުރުން އެ ނިޒާމު ހަރުދަނާކުރުމަށް ފަންނިޔާތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަން ޖެހޭކަމަށާއި، އެކި ފަރުދުންގެ ފަރާތުން ފަސާދައާއި ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައިވާ ދޮރުތައް ފަންނިއްޔާތުގެ ޒަރިއްޔާއިން ބަންދުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

