ތައުލީމީ ވުޒާރާގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެއްވުމަށް އައު ވެބްސައިޓް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އިފުތިތާހުކޮށްދެއްވައިފިއެވެ.
މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ.
މީގެ އިތުރުން ސްކޫލުތަކާ ގުޅޭ ގިނަ މައުލޫމާތާއި ތަފާސްހިސާބު މި ވެބްސައިޓްގައި ހިމެނެއެވެ. މި ވެބްސައިޓްއަކީ މިނިސްޓްރީއިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެކެވެ.
މި ވެބްސައިޓްގައި ސްކޫލްތަކުގެ މައުލޫމާތު ހިމެނޭހެން ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ވަނީ ފަރުމާކޮށްފައެވެ. އަދި ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މައުލޫމާތުތައް ހިމަނައިފައިވާނެ އެވެ. އަދި ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، މިނިސްޓްރީގެ މުހިންމު ޚަބަރުތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.
މި ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރ ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހު އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު ވެބްސައިޓުން ފެންނަން ހުންނާނެ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ސްކޫލުތަކުން ހިންގާ ޙަރަކާތްތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް މިނިސްޓްރީގެ އަމާޒެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

