ގައުމުތަކާއިއެކު ކުރަމުންދާ މަސައްކަތްތަކަށް އަމާޒުވާ ފާޑުކިޔުންތަކާއިމެދު ކަންބޮޑުވުންތަކެއް ނުގެންގުޅުއްވާކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ.
ޗަައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާއި ގުޅޭގޮތުން އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ނަޖީބުވަނީ މި އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން އެ މަސައްކަތްތަކުގައި ބައިވެރިވިތާ 10 އަހަރު ފުރިގެންދާނެކަން ފާހަގަކުރައްވާފައެވެ. ފަޒީލް ވިދާޅުވީ، އެ މަސައްކަތްތަކުގެ ތެރެއިން ލިބިގެންދާ އެއްބާރުލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ފައިދާތައް ލިބެމުންދާކަމަށާއި މިކަމުގެ ތެރެއިން ޗައިނާއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އުންމީދުކުރައްވާކަމަށެވެ.
ރާއްޖެއާއި ޗައިނާ ދެމެދު ގާއިމުކުރެވިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓާއި ގުޅޭގޮތުންވެސް ފަޒީލް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގެ އިގްތިސާދީ ގުޅުމާއި ވިޔަފާރި ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު މި އަހަރު ނިމޭ ހިސާބު ނުވަަތަ 2025 ވަނަ އަހަރު ފެށިގެން އަމަލުކުރަން ފަށާނެކަމަށެވެ.
ފަޒީލް ވިދާޅުވީ، އެ އެއްބަސްވުން ތަންފީޒުވުމާއިއެކު ރާއްޖޭގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޗައިނާގެ ކުންފުނިތަކުން ހަރަކާތްތެރިވާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ޗައިނާއިން މުދާ އެތެރެކުރާ މިންގަނޑުތައްވެސް ފާހަގަކުރެވޭ މިންގަނޑަކަށް އިތުރުވެގެންދާނެކަމަށެވެ.
ޗައިނާ އަދި ރާއްޖޭގެ ގުޅުމާއި ބެހޭގޮތުން ބައެއް ނޫސްތަކުން ނޭދެވޭ ވާހަކަތައް ފަތުރަމުންދާކަމާއި ދަރަނީގެ ދަންތުރައެއްގައި ޖައްސަމުންދާކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް ފަޒީލް ރައްދު ދެއްވިކަމަށްވެސް ނޫސްތަކުން ފާހަގަކުރެއެވެ. އެގޮތުން ރާއްޖެއިން އެގޮތަށް ކަންކަން ނުދެކޭކަމަށާއި، ޗައިނާއިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަކީ ގައުމުގެ ތަރައްގީއަށްޓަކައިކޮށްދޭ ކަންކަން ކަމަށެވެ. އަދި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ސަބަބުން ރާއްޖޭގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތްތަކުގެ އިތުރުން ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުންވެސް ފައިދާތައް ހާސިލުކުރެވިފައިވާކަމަށެވެ.
ދަރަނީގެ ދަންތުރައިގައި ޖައްސަމުންދާކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ފަޒީލް ވިދާޅުވީ، ރާއްޖެއަށް ފަންޑުތައް ލިބެނީ ހަމައެކަނި ޗައިނާއިން ނޫންކަމަށެވެ. އޭނަ ވިދާޅުވީ، އެހެން ގައުމުތަކުންވެސް ލިބޭކަމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުންވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ. އަދި ރާއްޖެއަށް ވުރެ ގިނައިން ޗައިނާއަށް ދަރަނި އަދާކުރަންޖެހޭ ގައުމުތައް ތިބިކަމަށްވެސް އިޝާރާތްކުރެއްވިއެވެ.
ޗައިނާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަމުންދާކަމަށް ކުރާ ތުހުމަތުތަކާާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަޒީލް ވިދާޅުވީ، ނުފޫޒަކީ އެކި ގޮތްގޮތަށް މާނަ ކުރެވިދާނެ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ ގައުމަކުންވެސް ކޮންމެވެސް އެހެން ގައުމެއްގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ނުފޫޒު ފޯރުވާނެކަމަށެވެ. އަދި އެއީ އިގްތިސާދީ ގޮތުން ނުވަތަ މާލީ ގޮތުންނާއި ސަގާފީގޮތުން ފޯރުވާ ނުފޫޒަށްވެސް ވެދާނެކަމަށެވެ.
އޭނާ ވިދާޅުވީ، ޗައިނާއަކީ ޒަމާނީ ވަސީލަތްތަކުގެ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ވަރުގަދަ ގައުމެއްކަމަށާއި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދާއި ވަސީލަތްތައް އުފެއްދުމުގެ އެންމެ ކުރީގައި އޮތް ގައުމުގެ ހައިސިއްޔަތުން ޗައިނާއަށް ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިއްބައިދެވޭނެކަމަށެވެ.
ފަޒީލް ވިދާޅުވީ، ވިޔަފާރި އާއި އެހެނިހެން ގޮތްގޮތުން އެއްބާރުލުން ދޭ ގައުމުތަކާއިއެކު މަސައްކަތް ކުރުމުގައި އެއްވެސް މައްސަލައެއް އޮތްކަމަށް ދިވެހިރާއްޖެއިން ނުދެކޭކަމަށާއި ފާޑުކިޔުންތަކާއިމެދު ކަންބޮޑުނުވާކަމަށެވެ. ޢާޑީ ވިދާޅުވީ، ރާއްޖެއަށް އެއްބާރުލުން ދޭ ހުރިހާ ގައުމަކާއިއެކުވެސް މަސައްކަތްތައް ކުރިއަށް ގެްނދާނެކަމަށާއި ޗައިނާއަކީ އެގޮތުން އެންމެ އިސް ސަފުގައި ހިމެނޭ ގައުމެއްކަމަށެވެ.

