ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމުގެ މުއްދަތު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިތުރުކޮށްފިއެވެ.
އެޗްޑީސީ ނެރުނު ބަޔާނުގައި ވަނީ، 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. މިގޮތުން ޝަރުތުތަކުގެ ތެރޭގައި، ޕާކިންޖާގައަށް ކުރިމަތިލާ ފަރާތުގެ ނަމުގައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލްއެއް އޮންނަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީ ބުނެފައިވަނީ، ހުޅުމާލޭގައި ގާއިމްކޮށްފައިވާ 8 ޒޯނަކުން 1،374 ޕާކިން ޖާގައަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ. މި ޒޯންތަކުން ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ނިންމައިފައިވަނީ އެއް އަހަރު ދުވަހަށެވެ. ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް އެއް އަހަރަށް ދޫކުރާ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000 ރުފިޔާ އެވެ.
ޕާކިން ޖާގައަށް ދޫކުރާއިރު އިސްކަންދޭނީ ތަރުތީބަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން އެޗްޑީސީ ބުނެފައި ވަނީ އެންމެ ފުރަތަމަ އިސްކަންދޭނީ ހުޅުމާލެއަށް ރެޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށެވެ. އެއަށްފަހު މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޖާގަ ދޫކުރުމަށް ނިންމައިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޕާކިން ޒޯނުތަކުން ޕާކު ކުރާނެ ޖާގަ ކުއްޔަށްހިފުމަށް އެދި 1 އޮކްޓޯބަރ ގެ ކުރިން ފޯމު ހުށަހެޅުމަށް ކުރިން ނިންމާފައިވާ މުއްދަތު މިހާރު ވަނީ އޮކްޓޯބަރު 17 އިތުރުކޮށްދީފައެވެ. މިކަމާއި ގުޅޭ އިތުރު މައުލުމާތު ސާފުކުރެއްވުމަށް އެ ކޯޕަރޭޝަނުގެ ނަންބަރ 1516 އަށް ގުޅުމަށް ވަނީ އެދިފައެވެ.

