މާޅޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި ބަހައްޓައިފައިވާ ޑްރެއިން ސިސްޓަމަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބައިވެރިވުމާއެކު އާރު.ޑީ.ސީ އާ ޙަވާލުކުރެވި 10 މެއި 2024 ގައި ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ހުޅަނގު ސަރަޙައްދުގައި އަދި ވަކިން ޚާއްޞަކޮށް ވެސްޓް ޕާކާއި، އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ ޢާންމު ދިރިއުޅުމަށް ދަތިވެ ބައެއް ގެތަކަށް ގެއްލުން ލިބޭކަމަށެވެ. އެހެންކަމުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ޙައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވުމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިސްވެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބައިވެރިވުމާއެކު އާރު.ޑީ.ސީ އާ ޙަވާލުކުރެވި 10 މެއި 2024 ގައި ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް މި މަޝްރޫއުން ނިމިފައިވަނީ އެއްބައި ކަމަށެވެ. އަދި މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ޙައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ބޭނުންކުރަން ފަށައިފައިވާއިރު މާލެއަށް ކުރި ވިއްސާރައިގައި އެ މަގުގެ ފެންބޮޑު ވުމުގެ މައްސަލައަށް ވަނީ ވަގުތީ ހައްލެއް ލިބިފައެވެ.
މީގެކުރިން އެ ސަރަހައްދަކީ ވާރޭ ވެހިއްޖެ ނަމަ އަބަދުވެސް ފެންބޮޑުވާ ސަރަހައްދެކެވެ. ދެތިން ދުވަސް ވާއިރު ވެސް އެ ސަރަހައްދުން ފެން ނުހިނދޭކަމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރެއެވެ. ރޭ ފަތިހުން ފެށިގެން ވެހުނު ވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި އޮތް ނަމަވެސް އައިޖީއެމްއެޗް ސަރައްދުގައި ފެންބޮޑު ނުވާކަން ވަނީ ފާހަގަވެފައެވެ.

