ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ މި ސަރަހައްދުގެ އެންމެ ވަރުގަދަ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތަކާ އެކު އެ ތަން ބޭނުންކުރަން ފަށައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެންމެ ޒަމާނީ ފެންވަރުގައި ހަދާފައިވާ ހައިބްރިޑް ތިއޭޓަރުގައި ސިކުނޑި އާއި ހިތުގެ ޕްރޮސީޖާތަކާއި ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅު ކުރުމަށް ފްލެކްސިބުލް ކެތީޓާ ބޭނުންކުރުން ފަދަ ހިދުމަތްތައް ދެވޭނެއެވެ. މިއާއެކު، ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށް ވެސް އެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ފަންގިފިލާގެ ހޮސްޕިޓަލުގައި ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަ ތިއޭޓަރެއް ގާއިމްކުރެވުނު ނަމަވެސް، ހަ އަހަރު ވެގެން ދިޔައިރު ވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެ ތަން ބޭނުމެއް ނުކުރެވުނެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީއީއޯ އިބްރާހިމް ހަލީމް މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދަރުމަވަންތަ އިމާރާތުގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ ތިއޭޓަރު ބޭނުން ނުކޮށް ގިނަ ދުވަސްވުމުން މަދަބޯޑުގެ ސާކެޓުތަކެއްގެ މައްސަލަ ދިމާވި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ސްޕެއަރ ޕާޓްސްތައް ގެނެސް، މިދިޔަ ހަފުތާގައި ތިއޭޓަރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި ތިއޭޓަރު ބޭނުންކުރަން ފެށުމާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ބޮޑެތި އޮޕަރޭޝަންތަކަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

