ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ގެންގުޅެނީ ހަލާކުގެ ފިކުރު: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެމުންދަނީ ހަލާކުގެ ފިކުރެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގައި އޮތީ ދެ ފިކުރެއްކަމަށާއި އެއީ މިނިވަންކަމުގެ ފިކުރާއި އަޅުވެތިކަމުގެ ފިކުރުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އޮތީ ލާމަރުކަޒީ ފިކުރާއި ބާރުތައް އެއްތަން ކުރުމުގެ ފިކުރުކަމަށެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގައި އެތީ އެކުވެރިކަމާއި އެއްބައިވަންތަކުރުމުގެ ފިކުރާއި، ފިތުނަ ކުރުމާއި ނަފުރަތުކުރުމުގެ އިތުރުން ގަޑުބަޑުކުރުމުގެ ފިކުރުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އޮތީ ތެދުވެރިކަމާއި ހާމަކުރުމުގެ ފިކުރާއި ދޮގުވެރިކަމާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ފިކުރުކަމަށެވެ. އަދި މި ކަންތައްތަކުގެ ތެރެއިން އެމްޑީޕީގެ ފިކުރަކީ ކޮބައިކަން ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ސާފުކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ފިކުރަކީ މިނިވަންކަމުގެ ފިކުރުކަމަށެވެ. އަދި އެ ފިކުރަކީ ލާމަރުކަޒީކުރުމުގެ ފިކުރުކަމަށާއި އެމްޑީޕީއިން ގެންގުޅެނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ފިކުރުކަމަށެވެ. ޝާހިދު ވިދާޅުވީ، އެ ޕާޓީއިން ގެންގުޅެނީ ތެދުވެރިކަމާއިއެކު މަސައްކަތްތައް ކޮށް ކާމިޔާބީތައް ހާސިލުކުރުމުގެ ފިކުރުކަމަށެވެ.

ޝާހިދު ވިދާޅުވީ، އެއީ  އެމްޑީޕީގެ ފިކުރުކަމަށްވާއިރު، ވާދަވެރި ފިކުރެއްގެ ގޮތުގައި އޮތީ މިއަދު އޮތް ސަރުކާރުގެ ފިކުރުކަމަށެވެ. އަދި އެއީ ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފްރަތު އުފެއްދުމާއި އަޅުވެތިކުރުމުގެ އިތުރުން ބާރުތައް ޖަމާކުރުމާއި ވެރިވެގަތުމުގެ ފިކުރާއި އަނިޔާވެރިވުމުގެ ފިކުރުކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި އޮތީ މި ދެ ފިކުރުކަމަށްވާއިރު ކަން ދިމާވި ގޮތުން މިއަދު ރާއްޖޭގެ ވެރިކަމަށް އައިސްފައިވަނީ އަނިޔާވެރިވުމުގެ ފިކުރުކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ވެރިކަމަށް އައިސްފައިވަނީ ކަންކަން ނެތިކޮށްލުމުގެ ފިކުރުކަަމަށެވެ. ޝާހިދު ވިދާޅުވީ، 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ސަބަބުން އޭގެ ފަހުން ފެނިގެން އައިސްފައި އޮތީ އަބަދުވެސް ދެގޮތެއް ނުވެ އެމްޑީޕީއިން ފިކުރު ކުރިއަަށް ނެރުމުގައި ދެމިތިބޭކަމާއި ދެމިތިބުމުގައި ކާމިޔާބީ ހާސިލުކުރާތަންކަމަށެވެ. އަދި މިއަދު ރާއްޖެ އޮތް ހާލަތުގެ ސަބަބުން ފަހަށް ނުޖެހޭނެކަން ފެނިގެންދާނެކަމަށާއި އެ ޕާޓީ އޮތީ ކެރިގެން ސާބިތުކަމާއިއެކުކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިނިވަންކަމުގެ ފިކުރުގައި އޮތީ ރަށްތައް ގުޅާލުމުގެ ފިކުރުކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއިން ގެންގުޅެނީ ބަންދުން ވީއްލުމުގެ ފިކުރުކަމަށާއި އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލަދެއްވިކަމަށެވެ. އެހެންނަމަވެސް މިއަދު ރައީސް ސާލިހު ފައްޓަވައިދެއްވި މަސައްކަތްތަކުގެ ތެރެއިން ގަޑިއަށް ލަފަންޖެހޭ ފެރީ ނުލަފާކަމަށެވެ.

ޝާހިދު ވިދާޅުވީ، ވައިގެ މަގުން ދަތުރުތައް އަޅަމުންދިޔަ މަންޒިލުތަކަށް ކުރާ ދަތުރުތައް މަދުކުރަން ފަށާފައިވާކަމަށާއި ލާމު އަތޮޅާއި ހުވަދޫ އަތޮޅުގެ އިތުރުން ފުވައްމުލަކަށް ކުރާ ދަތުރުތައްވެސް މަދުވެއްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން އޮތީ އެންމެ ދިމާލަކަށްކަމަށާއި އެއީ ރަށު ބަންދުގައި ރައްޔިތުން ބޭތިއްބުންކަމަށެވެ. ޝާހިދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ރަށްތަކުގައި ފަށާފައިވާ ފަތުރުވެރިކަމުގެ މަސައްކަތްތައް ހަލާކުކޮށްލުމަށްކަމަށާއި މަސައްކަތްކުރަމުންދަނީ ގެސްޓް ހައުސް މަސައްކަތްތައް ހަލާކުކޮށްލައި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް އެމްޑީޕީއިން ގެންގުޅުނު ފިކުރު ހަލާކުކޮށްލުމަށް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް ލިބެމުންދިޔަ މުއްސަނދިކަން ފުނޑުވާލުމަށްކަމަށެވެ. އަދި އެއީ އިސްވެ ފާހަގަކުރެއްވި ހަލާކު ފިކުރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: