ބަޔަކު ދަރަނިވެރިކޮށްފައިވާ ގައުމެއް އަހަރެއް ވަންދެން ފައިސާ ޗާޕު ކުރުމަކާއި ނުލައި ދަތިތަކާއި އެކު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސެލިއުޓު ހައްގު މަސައްކަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަ ކުރުމަށާއި ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ތިން ބިލެއް ހުށަހެޅިއިރު މިއަދު ކުރިޔަށް ގެންދިޔައީ ޓޫރިޒަމާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސެވެ.
ގްރީން ޓެކްސް 50 އިންސައްތަ ބޮޑު ކުރުމަށް ނިންމައި، ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓުއަރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 03 ޑޮލަރުގެ ބަދަލުގައި 06 ޑޮލަރު ނެގުމަށެވެ. އަދި ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި، 12 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާގޮތަށް ހިމަނާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
މި އިސްލާހަށް ތާއީދު ކުރައްވައި ރިފާއު ވިދާޅުވީ ޓެކްސްއަށް ބަދަލު ގެންނައިރު އެކަމުން ފައިދާ ވަނީ ކޮން ބަޔަކަށްތޯ ބައެއް މެމްބަރުން ސުވާލު އުފައްދަމުންދާކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި އާންމު ދިވެހި ރައްޔިތުންގެ ޖީބަށް އަސަރު ކުރާ ގޮތަށް ފަރުމާކޮށްފައިވާ އިސްލާހެއް ނޫންކަމަށާއި، ސަރުކާރުން ވައުދާއި ހިލާފުވީކަމަށް ދައްކަވާ ވާހަކައިގައި ހަގީގަތެއް ނެތްކަމަށް ރިފާއު ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ ޓެކްސް މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ކުރާނީ ދިވެހި ރައްޔިތުންނަށްކަމަށާއި، އެ ފައިސާ ބޭނުން ކުރާނީ ދިވެހި ގައުމުގެ ތަރައްގީގެ ހައްގުގައިކަމަށެވެ.
މީގެ ސަބަބުން، މި ލިބޭ އާމްދަނީ ވަންނާނީ ކޮންތާކަށްތޯ.. ބައެއް އިއްޒަތްތެރި މެމްބަރުން ފާހަގަކުރިހެން މި ފައިސާ ބޭނުން ކުރާނީ ދިވެހިންގެ ކުރިމަގަށް.. ދިވެހިންގެ ތަރައްގީއަށް.. ދިވެހިރާއްޖޭގެ ކުރިއެރުމާއި ލާބައާއި މަންފާއާއި އެ ވިދާޅުވި ދަރަނިކޮށްލާ، ނިކަމެތިކޮއްލާފައި ތިބި ވިޔަފާރިތަކަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ދައްކަން..
މީގެއިތުރުން ރިފާއު ވިދާޅުވީ އެއްވެސް އުސޫލެއް ނެތި ބޭނުން ގޮތަކަށް ކުރީ ސަރުކާރުން ދީފައިވާ 15،000 އަށް ވުރެ ގިނަ ވަޒީފާގެ ބުރަ އުފުލަން ޖެހިފައި ވަނީ ވެސް މި ސަރުކާރުން ކަމަށެވެ. އެހެންކަމުން އެ ދަތިތަކާއި ކުރިމަތިލަމުން ފައިސާ ޗާޕު ކުރުމަކާއި ނުލައި އަހަރެއް ވަންދެން ގައުމު ހިންގަމުން އައުމުން އެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ސެލިއުޓު ހައްގުކަމަށް ރިފާއު ވިދާޅުވި އެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން އިސްލާހު ހުށަހަޅާފައި ވަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމާއި ގްރީން ޓެކްސްގެ ރޭޓުތަކަށް ބަދަލު ގެނައުމަށެވެ.
ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރުމާއި އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް ބޮޑު ކުރުމެވެ. އެ އިސްލާހުގައި ވަނީ އިކޮނޮމީ ކްލާސްގައި ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން 12 ޑޮލަރު އަދި ބިސީންގެ އަތުން 50 ޑޮލަރު ނެގުމަށާއި ބިޒްނަސް ކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރު، ފަސްޓްކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުތަކުން 480 ޑޮލަރު ނެގުމަށެވެ.

