ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ކޯޓުގެ އިހުތިސާސާއި މެދު ކުރި ބަހުސް: ވިސާމްގެ ބަންދު އަމުރަށް ހައި ކޯޓުން ތާއީދު

މައްސަލައިގައި ހައިކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކާއި ބެހޭ ގާނޫނުގެ ދަށުން މަރުގެ މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓު ކޯޓުތަކަށް ނޯންނާނެތީ، ހުޅުމާލޭގެ އެކްސިޑެންޓުގައި މީހަކު މަރުވުމުން ބަންދާއި މެދު ގޮތެއް ނިންމުމުގެ ބާރު ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ނޯންނާނެކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ހައިކޯޓުން ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފި އެވެ.

މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ހަސަން ސަމާހު ވަނީ ނިޔާވެފަ އެވެ. އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މުހައްމަދު ވިސާމް ސިދުގީ ހައްޔަރުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ހުޅުމާލެ ކޯޓުން ނެރުނު އެ އަމުރު ވިސާމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައި ބުނެފައި ވަނީ، ކާރު ދުއްވާފައި ވަނީ ބާރު ސްޕީޑުގައި ނޫންކަމަށާއި ހާދިސާ ހިނގީ ވަންވޭ ފަޅާލައި ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށެވެ.

މި މައްސަލައިގައި ވިސާމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ކޯޓުތަކާއި ބެހޭ ގާނޫނުގެ ދަށުން މަރުގެ މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓު ކޯޓުތަކަށް ނޯންނާނެ ކަމަށެވެ. އެހެންކަމުން ވިސާމްގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ބާރު، ހުޅުމާލެ  މެޖިސްޓްރޭޓު ކޯޓަށް ނުލިބޭނެކަމަށް ނޫރު ވިދާޅުވި އެވެ. އެހެންވެ ވިސާމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ބާރަކުން ބަންދު އަމުރެއް ނެރެފައިވާތީ އެ ނިންމުން ބާތިލުކޮށް ސަމާހު ދޫކޮށްލުމަށެވެ.

މައްސަލައިގައި ކުރި ގިނަ ގާނޫނީ ބަހުސްތަކަށް ފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ ވިސާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލެ ކޯޓުން ނިންމާފައި ވަނީ އެހާތަނަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ހާސިދާގައި ނިޔާވި ޒުވާނާ ސައިކަލު ދުއްވި ގޮތާއި ގުޅޭގޮތުން ވިސާމްގެ ފަރާތުން ނުކުތާތަކެއް ހުށަހެޅި ނަމަވެސް އެކަން ދަށު ކޯޓަށް ހުށަހަޅާފައި ނުވާތީ އެކަމަށް ހައިކޯޓަށް ގޮތެއް ނުނިންމޭނެ ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ވިސާމްގެ މައިގަނޑު ބަހުސަކީ މަރުގެ މައްސަލައެއްގައި ބަންދު އަމުރު މެޖިސްޓްރޭޓު ކޯޓަކަށް ނުނެރެވޭނެކަމަށެވެ. އެ ނުކުތާއަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ބަންދު އަމުރު ނެރުމަށް ގާނޫނީ ހުރަހެއް ހުޅުމާލެ ކޯޓަށް ނެތްކަމަށެވެ.ހުޅުމާލެ ކޯޓަކީ ހައްސަ ކޯޓެއްކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފައިވާކަން ފާހަގަކޮށް، މައްސަލައިގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މާލޭގެ ސަރަހައްދުގެ އެހެން ތަނެއްގައި ކުރިޔަށް ގެންދިއުމަކީ ހުޅުމާލެ ކޯޓުގެ އިހުތިސާސަށް އަސަރު ކުރާނެ ސަބަބެއް ނޫންކަމަށެވެ.

ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކުރައްވައި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔުގައި ވަނީ ބަންދު އަމުރު ނެރުމަށް ވާސިލުވުމުގައި ރިއާޔަތްކޮށްފައި ވަނީ ތަކުރާރުކޮށް ލައިސެންސް ނެތި ދުއްވުމާއި އިސްތިއުނާފު ކުރާ ފަރާތުން ބާރު ސްޕީޑުގައި އުޅަނދު ދުއްވާފައިވުމާއި އެކްސިޑެންޓުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިވުމުގެ މައްޗަށްކަން އެނގޭ ކަމަށެވެ.

އިސްތިއުނާފު ކުރި އަމުރުގައި އިހުތިސާސްއާއި މެދު ނިންމި ނިންމުން ބިނާކުރި އަސާސް ބަޔާންވެފައި ނުވި ނަމަވެސް އެ ސަބަބުގެ މައްޗަށް އެ އިސްތިއުނާފު ބިނާކޮށްފައިނުވުމާއި، ނިންމުމަށް ވާސިލުވި ސަބަބު ދަށުކޯޓުގެ ރެކޯޑިންގް އިން ކަށަވަރުކުރެވެން އޮތުމުން ސަބަބު އެނގެން ނެތް ކަމަށް ބަލައި ދަށު ކޯޓުގެ ނިންމުން ބާތިލްކުރެވިދާނެކަމުގައި ނުދެކޭކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މައްސަލައިގައި ރައުޔު ތަފާތުވި، ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ސަމާހު ބަންދު ކުރުމަށް ނެރުނު އަމުރު ބާތިލު ކުރަން ޖެހޭކަމަށެވެ. އެގޮތުން ފަނޑިޔާރު ޝަފީއު ވިދާޅުވެފައި ވަނީ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ދަށު ކޯޓުގެ އިހުތިސާސްއާ ގުޅޭ ނުކުތާއަށް ރިއާޔަތް ކުރުމުގައި ބަލަން ޖެހެނީ ދަށު ކޯޓުން އެ އުމުރު ދޫކުރުމުގެ އިހުތިސާސް އެ ކޯޓަށް އޮތްކަމަށް ނިންމާފައި ވަނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށްތޯ އެވެ.

އިސްތިއުނާފީ މައްސަލައެއްގައި ބަލަން ޖެހެނީ، ދަށު ކޯޓުގެ ނިންމުމުގެ ނަތީޖާއަށް އެކަނި ނޫންކަމަށާއި އެ ނިންމުން ބިނާ ކުރި ސަބަބު ނުވަތަ އަސާސް ވެސް ހައިކޯޓުން މުރާޖައާ ކުރަން ޖެހޭކަމަށް ފަނޑިޔާރު ލިޔުއްވާފައި ވެއެވެ.

އެހެންވެ މައްސަލައިގައި ވިސާމް ބަންދު ކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމްކޮށްފައި ވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި، ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންގެ އަޣުލަބިއްޔަތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: