ނޯޓިލަސް ފައުންޑޭޝަނުން 2025 ވަނަ އަހަރަށް މެރިޓް ބޭސްޑް ސްކޮލަޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކީ ރާއްޖެއަށް ބޭނުންތެރި އެކި ދާއިރާތަކުން ފުލީ ފަންޑެޑް ސްކޮލަޝިޕްތަކެކެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޯޓިލަސް ގްރޫޕްގެ ގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު އިހުމާ ވިދާޅުވި ގޮތުގައި، ނޯޓިލަސް ފައުންޑޭޝަނަކީ ޕަލަސް ހޮޓެލްސް އެންޑް ރިސޯޓްސް، މަންތާ އެއަރ، އެއަރޕޯޓް، އީގަލް މެރީން، ރިއޯލޯ ގްރޫޕް އަދި އެމްއޭޑަބްލިއުސީ ކުންފުނީގެ ހިއްސާދާރުން ގުޅިގެން އުފައްދާފައިވާ ޗެރިޓަބަލް ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަނަކީ ރާއްޖޭގެ އިޖްތިމާއީ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފައުންޑޭޝަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޯޓިލަސް ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޚަލީލް ވިދާޅުވި ގޮތުގައި، މި ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލާފައިވަނީ ރާއްޖެއަށް މުހިންމު ދާއިރާތަކަށް އިސްކަންދީގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމުގެ ފުރުސަތު
2. މީޑިއާ ދާއިރާ
3. ފަތުރުވެރިކަމުގެ ދާއިރާ (ޚާއްޞަކޮށް ޝެފުންުންގެ ދާއިރާ)
4. އެއަރކްރާފްޓް އިންޖިނިއަރިންގ ދާއިރާ
ޚަލީލް ވިދާޅުވި ގޮތުގައި، މި ފުރުސަތުތައް ހުޅުވާލުމުގެ މަޤްޞަދަކީ ރާއްޖޭގައި ސްޕެޝަލައިޒްޑް ޑޮކްޓަރުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމާއި، ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ޝެފުން އިތުރުކުރުމެވެ.
މި ސްކޮލަޝިޕްތަކަކީ ފުލީ ފަންޑެޑް ސްކޮލަޝިޕްތަކެއް ކަމަށާއި، އެންމެ ރަނގަޅު ކުދިންނަށް އިސްކަންދޭނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. އަދި ތަޢުލީމު ހާސިލުކޮށްގެން އަންނަ ކުދިންނަށް ނޯޓިލަސް ގްރޫޕްގެ ދަށުން ހިނގާ ކުންފުނިތަކުގައި ވަޒީފާގެ ފުރުސަތުތައްވެސް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ސްކޮލަޝިޕް ފުރުސަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ބުނެއެވެ.
މި ފުރުސަތުގައި ޑޮކްޓަރީ ސްކޮލަޝިޕުގައި ސައިކޮލޮޖީ ކިއެވުމަށް ފުރުސަތު ހުޅުވާލެވިފައިނުވާކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ އެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ އަދަދެއްގެ ހުށައެޅުން ލިބެމުންދާކަމަށާއި އެހެންނަމަވެސް މިވަގުތު ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް އެފަދަ މަސައްކަތްތެރިން ތިބިކަމަށް ފެނިގެންދާކަމަށެވެ.

