ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަސާސީ ގަވައިދުގައި ޕާޓީ އުވާލެވިދާނެ ގޮތް ބަޔާން ކުރާ މާއްދާއަށް އިސްލާހުތަކެއް

ޕީޕީއެމްއިން ބޭއްވި ސެނެޓް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އުވާލަން ބޭނުންވާ ހާލަތެއްގައި، އަމަލު ކުރާނެ ގޮތް ބަޔާން ކުރާ އަސާސީ ގަވައިދުގެ މާއްދާތަކަށް ބައެއް އިސްލާހުތައް ގެނެސްފި އެވެ.

ޕީޕީއެމް އުވާލަން އުޅޭކަމުގެ އަޑުތަކާއި އެކު، މިއަދު ކުރިޔަށް ގެންދިޔަ ކުއްލި ސެނެޓު ބައްދަލުވުމާއި ގުޅޭ މާ ބޮޑު ތަފްސީލެއް ޕާޓީން ހާމައެއް ނުކުރެ އެވެ. މީޑިއާތަކަށް ފޮނުވި މެސެޖުގައި ހަމައެކަނި ދީފައި ވަނީ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އަދި ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް އައްޔަނު ކުރިކަމަށެވެ.

މިއަދު ކުއްލި ބައްދަލުވުމެއް ބޭއްވީ ޕީޕީއެމް އުވާލުމުގެ މަޝްވަރާއަށްތޯ ސުވާލު ކުރުމުން އެކަމަށް ޕާޓީން ބުނީ އެފަދަ ވާހަކައެއް ދެކެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް “ސަންގު” އަށް އެނގިފައިވާ ގޮތުގައި މިއަދު ޕާޓީގެ އަސާސީ ގަވައިދަށް މައިގަނޑު ތިން އިސްލާހެއް ހުށަހަޅައި ފާސްކުރި އެވެ. އެއީ އަސާސީ ގަވައިދުގެ 09 ވަނަ ޗެޕްޓާގެ ޕާޓީ އުވާލުމާއި ގުޅޭ މާއްދާއަށެވެ.

ކުރިން އަސާސީ ގަވައިދުގައި އޮތީ ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީ ގެ މާލީ ޙާލަތު ދަށްވެ، ޕާޓީގެ ލީޑާރޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅާ އެކަން ދިރާސާ ކުރުމަށްފަހު ޕާޓީ އުވާލަން ޖެހޭކަމަށް ސެނެޓްގެ 3/4 ގެ އަޣްލަބިއްޔަތުން ފާސްކޮށްފިނަމަ ޕާޓީ އުވާލެވިދާނެ ކަމަށެވެ. މިއަދު ގެނައި ބަދަލުގައި ހިމެނީ ޕާޓީގެ ލީޑާޝިޕަށް ފެންނަ ހާލަތެއްގައި 2/3 ގެ އަޣުލަބިއްޔަތުން ޕާޓީ އުވާލުމަށް ނިންމިދާނެ ކަމަށެވެ.

މި ބަދަލުތަކާއި ގުޅޭގޮތުން ތަފްސީލުކޮށް މެމްބަރުން ވާހަކަ ދައްކަން ބޭނުން ނުވީ ނަމަވެސް ޕީޕިއެމް އުވާލަން އުޅޭކަމަށް ދެކެވޭ ވާހަކަ ޕާޓީގެ އޮފީސް ދޮރުމަތީ ތިއްބެވި މެމްބަރުން ދޮގެއް ނުކުރެ އެވެ.

އަސާސީ ގަވައިދަށް ގެނައި އިސްލާހަކީ، ޕީޕީއެމް އުވާލުމަށް ބޭނުންވާނަމަ އެގޮތަށް ހުށަހަޅައި ކުރިޔަށް ދާން ފަސޭހަ ބަދަލަކަށް ވާނެ އެވެ.

ސެނެޓުން މި ނިންމުން ފާސްކުރުމަށް ފަހު، އެނގިފައިވާ ގޮތުގައި އަދި އިތުރު ބައްދަލުވުމެއް ބާއްވާނެ އެވެ. އެކަމާ ގުޅޭގޮތުން މެމްބަރުންނާ ސުވާލު ކުރުމުން ވިދާޅުވީ، އިތުރު ސެނެޓު ބައްދަލުވުމެއް ބާއްވާނެ ތާރީހެއް ނިންމާނީ ޕާޓީގެ ލީޑާޝިޕުން ކަމަށެވެ.

މިއަދުގެ ސެނެޓު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރޭގައި ޓުރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް، ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން، ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން، އަދި ފެނެކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ހިމެނެ އެވެ.

ދެން ބައިވެރިވި ޕާޓީ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ މަގާމުތައް އަދި ސިޔާސީ ބައެއް މަގާމުތަކުގެ ބޭފުޅުންނެވެ.

މިއަދުގެ ސެނެޓުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންފައި ނުވެ އެވެ.

ޕީޕީއެމަކީ ރާއްޖޭގައި ސިޔާސީ ބޮޑު ތާރީހެއް އޮތް ޕާޓީއަކަށްވާއިރު، އެ ޕާޓީ އުފައްދާފައި ވަނީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ފެކްޝަންތަކަށް ފަހު ރައީސް މައުމޫން އަބްދުލްޣައްޔޫމެވެ.

2011 އޮކްޓޯބަރުގައި ޕީޕީއެމް ރެޖިސްޓްރީ ކުރުމަށް ފަހު ޕާޓީގެ ލީޑާޝިޕާއި ހަވާލުވެ ހުންނެވީ ރައީސް މައުމޫނެވެ. އަދި އެއަށް ފަހު 2013 ގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކޮށް ވެރިކަމަށް ވަޑައިގަތެވެ. އެހެން ނަމަވެސް އެތެރޭގައި އަނެއްކާވެސް ޖެހުނު މައްސަލަތަކާއި އެކު ރައީސް ޔާމީން ޕީޕީއެމްގެ ބާރުތައް ނެންގެވީ އެވެ.

އޭގެ ފަހުން 2018 ގައި ވެރިިކަން ކާމިޔާބު ނުވުމުން، ރައީސް ޔާމީން ޕީއެންސީ އުފެއްދެވީ ރައީސް މައުމޫނަށް އެ ޕާޓީ ލިބިވަޑައިގެންފާނެކަމަށް ބެލެވޭ ހާލަތްތަކާއި ހުރެ އެވެ.

2023 ގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ޓިކެޓުގައި ވާދަ ނުކުރެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: