ރަޝިއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި އުތުރު ކޮރެއާއިން ބައިވެރިވެފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ނޯތުކޮރެއާއިން ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވީ ޔޫރަޕިއަން ޔުނިއަންގެ ލީޑަރުންގެ ސަމިޓުގެ ތެރެއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންކަމަށެވެ.
އޭނާ ވިދާޅުވީ، އެކި ދާއިރާތަކަށް ނިސްބަތްވާ ނޯތުކޮރެއާގެ 10،000 ސިފައިން ތަމްރީނުކުރުމަށް ވިސްނަމުންދާކަން އެނގިވަޑައިގަންނަވާކަމަށާއި އޭގެ ތެރޭގައި އެއްގަމުންނާއި ވައިގެ މަގުންވެސް ހަމަލާދިނުމަށް ސިފައިން ތަމްރީނުކުރުމަށް ކަނޑައެޅިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ ޕުޓިން ބޭނުންވަނީ އެއްގަމުން މަސައްކަތްކުރާނެ ސިފައިން އެކަނި ހިމެނުމަށް ނޫންކަމަށާއި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ ސިފައިންވެސް ހަނގުރާމައިގައި ޝާމިލުކުރުމަށް ބޭނުންވާކަމަށެވެ. އޭނާ ވިދާޅުވީ، ޔޫކްރެއިންގައި ހަނގުރާމަ ކުރަންޖެހިއްދާނެ ހާލަތަށް ނޯތުކޮރެއާއިން ސިފައިން ތައްޔާރުކުރަމުންދާކަން އެ ގައުމަށް އެނގޭކަމަށެވެ.
ރިޕޯޓުތަކުގައިވާގޮތުން ޒެލެންސްކީވަނީ މި މައުލޫމާތުތައް އެމެރިކާއާއި ހިއްސާކޮށްފައިވާކަން ހާމަކުރައްވާފައެވެ. އަދި ކުއްލި މުހިންމު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވިކަމަށާއި އެކި ލީޑަރުންނާއިއެކު މަޝްވަރާތައް ކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ދެވަނަ ގައުމަކުން ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަން އެ ފަރާތްތަަކަށް ކަށަވަރުކޮށްދީފައިވާނެކަމަށާއި ރަޝިއާ އާއި ގުޅިގެން ޔޫކްރެއިންއާއި ދެކޮޅަށް މަަސައްކަތްކުރާނެކަމުގެ މައުލޫމާތު ދީފައިވާނެކަމަށެވެ.

